ދިވެހި ދައުލަތުގެ ތިން ބާރު ކަމަށްވާ ރައީސް އޮފީހާއި، މަޖިލީހުގެ އިމާރާތާއި، ސުޕްރީމް ކޯޓުގައި ހުޅުޖަހަން ގޮވާލި މީހާ ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައ ިވަނީ އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި، މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަންއެވެ. ފުވައްމަލުގައި ހުއްޓާ ހައްޔަރުކޮށްފައިވާ ޒިހާން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ދައުލަތުގެ ތިން ބާރުގެ އޮފީސް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯއެވެ. އެކަން ކުރަން ވަރަށް މަޖާވާނެ ކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް ޕޯސްޓު ޖެހިތާ ގަޑިއިރެއްފަހުން އޭނާ އެ ޕޯސްޓު ޑިލީޓުކޮޑްފިއެވެ.
މި ޕޯސްޓު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާއިރު، ފުލުހުން ވިދާޅުވީ އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި ތަހުގީގުކުރަމުންދާ ކަމަށެވެ.
އެމެރިކާގެ ނޭވަލް އެކެޑެމީން ކިޔަވައިގެން މިދިޔަ ސަރުކާރުގައި ޒިހާން ދިޔައީ އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓަކަށް މަސައްކަތް ކުރަމުންނެވެ. އޭނާ އެމްއެންޑީއެފްއިން ވަކިކުރީ މިދިޔަ ސަރުކާރުގެ ފަހުކޮޅުގައެވެ. އޭގެ ފަހުން މި ސަރުކާރުން އޭނާ އަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަންދިނެވެ. ނަމަވެސް ފަހުން ވަނީ އެ މަގާމުން ވަކިކޮށްފައެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު، ސަރުކާރާ ދެކޮޅަށް އަޑުއުފުލައި، އިމާރާތްތަކާއި ދުއްވާ އެއްޗެއްސަށް ގެއްލުންދީ، ފިހާރަތައް ލޫޓުވުމަށް ގޮވާލި އެމްޑީޕީގެ އެކްޓިވިސްޓެއްގެ އިތުރު މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުނ މިއަދު ވަނީ ވިދާޅުވެފައެވެ.