ރާއްޖޭގައި ހުއްދަނެތި އަދި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވީ މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ޕްރަދީޕް ޗޯލަކޮޓިލް ސަންކަރަނާޔަނަން އާއި، ބަންގްލަދޭޝަށް ނިސްބަތްވާ މުޙައްމަދު ރަސެލް މިއާ އެވެ. މި ދެ މީހުން ހައްޔަރުކޮށް ބަންދުކޮށްފައިވަނީ އިއްޔެގައެވެ.
ފުލުހުންގެ ޚިދުމަތުން މި މައްސަލައިގެ ތަހުގީގު މިހާރުވެސް ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި މި ދެ މީހުންނާ މެދު ގާނޫނީ ގޮތުން އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ. އެގޮތުން، މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް އެސްއެމްއެސް، ވައިބަރ އަދި ވަޓްސްއެޕް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.
މީގެއިތުރުން، ގާނޫނާ ހިލާފު މިފަދަ ކަންކަން ހުއްޓުވުމަށް ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ އާންމު ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.