ރާއްޖެއަށް ބޭރުގެ ވިޔަފާރިވެރިންގެ އިތުބާރު ލިބި، އިޤްތިސާދީ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ އެންމެ ބޮޑު ސިއްރަކީ ޤައުމުގައި އޮތް ސުލްހަމަސަލަސްކަން ކަމަށާއި، މި ސަރުކާރުގެ އެންމެ މައިގަނޑު އަސާސަކީވެސް އެ ހަމަޖެހުން ދެމެހެއްޓުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން އިންތިޒާމުކޮށްގެން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ސަމާލުކަން ރާއްޖެއަށް ލިބެނީ ހަމައެކަނި ޤުދުރަތީ ރީތިކަމަކުން ނޫނެވެ. އޭގެ އިތުރުން ރާއްޖޭގައި އޮތް ސުލްހަވެރި، އަމާން މާހައުލަކީ ފަތުރުވެރިންނާއި އިންވެސްޓަރުން ރާއްޖެ އިހްތިޔާރުކުރާ އެންމެ ވަރުގަދަ ސަބަބެވެ. ރަސްމާލެ ފަދަ ބިޔަ މަޝްރޫއުތަކަށް ބޭރުގެ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރަނީ މި އިސްތިޤްރާރު ފެންނަން އޮތުމުން ކަމަށާއި، ދާޚިލީ ހަމަނުޖެހުމެއް ނުވަތަ ހަނގުރާމައެއްގެ ބިރުވެރިކަން އޮތް ތަނަކަށް އެފަދަ ފުރުސަތުތައް ނާންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މިތާކަށް ނާންނާނެ މިތަނުގައި ހަނގުރާމަ ހިނގާނަމަ ނުވަތަ މިތަނުގައި ދާހިލީ ހަމަނުޖެހުން އޮންނަނަމަ މިތަނަކަަށް ނާންނާނެ ޓޫރިސްޓުންނެއްވެސް އިންވެސްޓަރުންނެއްވެސް." ރައީސް ވިދާޅުވެއްޖެއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުތައް ބިނާކޮށްފައިވާ މައިގަނޑު ތިން އަސާސުގެ ތެރެއިން އެއް އަސާސަކީ ޤައުމުގެ ހަމަޖެހުން ކަމަށެވެ. އެހެންކަމުން، ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ޤައުމުގެ މަސްލަހަތު ރައްކާތެރިކުރުމަކީ ކޮންމެ ދިވެއްސެއްގެވެސް ފަރުދީ ޒިންމާއެއް ކަމަށާއި، ޤައުމުގެ އަމާންކަން ގެއްލުވާލުމަކީ އެއްވެސް ރައްޔިތަކަށް ފައިދާއެއް ކުރާނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
ޤައުމުގެ ދުރު ރާސްތާގެ ތަސައްވުރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 2040 ވަނަ އަހަރާ ހަމައަށް ދާއިރު ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 15 އަހަރަކީ ހަމައެކަނި މާއްދީ ތަރައްޤީ ހޯދުމުގެ އިތުރުން، ދިވެހިންގެ އިސްލާމީ ރިވެތި އާދަކާދަތަކާއި، އަޚްލާޤީ މިންގަނޑުތައް އާލާކޮށް، އެއްބައިވަންތަކަން ހަރުދަނާކުރެވިގެންދާ މުހިންމު ދުވަސްވަރަކަށް ހަދަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.