MTCC

މަޖިލިސް މެންބަރުންނަށް ދޭ އިންޝުއަރެންސް ކަނޑާލަން ގިނަ މެންބަރުން ތާއީދުކޮށްފި

447232_3_312f5deebcd1977a32db0f52b59dccf6570a9e12

މަޖިލިސް މެންބަރުންނަށް ދޭ އިންޝުއަރެންސް ކަނޑާލަން ގިނަ މެންބަރުން ތާއީދުކޮށްފި

SHARE

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ ބޭފުޅުންގެ ޢާއިލާތަކަށް ލިބިދޭ އުމުރުދުވަހުގެ ޚާއްސަ ހެލްތު އިންޝުއަރެންސް އުވާލުމަށް އެދި ހުށަހެޅި އީ-ޕެޓިޝަނާ ގުޅިގެން މަޖިލިސް ތަޅުމުގައި ބަހުސް ހޫނުވެ، އެ އިނާޔަތް ދޫކޮށްލަން ތައްޔާރަށް ތިއްބެވި ކަމަށް ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ.

ނަމަވެސް، މެންބަރުން ފާހަގަކުރެއްވި ގޮތުގައި އެ ޕެކޭޖަކީ އާސަންދައިގެ ތެރެއިން ކުރާ ހޭދައަށް ވުރެ ދައުލަތުގެ ބަޖެޓަށް ޚަރަދު ކުޑަ ނިޒާމެކެވެ.

މަޖިލީހުގެ އިދާރާއަށް ހުށަހެޅި މި އީ-ޕެޓިޝަނުގައި 7،225 މީހުން ސޮއިކޮށްފައިވާއިރު، އޭގައި އެދިފައިވަނީ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ ދަށުން މިހާރުގެ މެންބަރުންނާއި ކުރީގެ މެންބަރުން، އަދި އެ ބޭފުޅުންގެ އަނބިދަރިންނަށް ރާއްޖެއާއި ސާކް އަދި އާސިއާން ސަރަޙައްދު ހިމެނޭހެން 19 ޤައުމަކުން އުމުރުދުވަހަށް ދޭ ޚާއްސަ އިންޝުއަރެންސް އުވާލުމަށެވެ.

އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން، 2015 ވަނަ އަހަރުން ފެށިގެން 2025 އާ ހަމައަށް މެންބަރުންގެ އިންޝުއަރެންސް ޕްރީމިއަމަށް އެކަނިވެސް ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި އާންމު ރައްޔިތުންނަށް ނުލިބޭ މިފަދަ ބޮޑެތި ޢިނާޔަތްތައް ޓެކްސް ދައްކާ ފައިސާއިން ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މެންބަރުން ވެސް އާސަންދައާއި އެންސްޕާގެ ނިޒާމަށް ބަދަލުވާންޖެހޭ ކަމަށް ބަޔާންކޮށްފައިވެއެވެ. އޭގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ދައްކާފައިވަނީ، ޤައުމުގެ އަސާސީ ސިއްހީ ނިޒާމު އިސްލާހު ކުރެވޭނީ އާންމު ރައްޔިތުން ތަޙައްމަލުކުރާ ތަކުލީފުތައް މަޖިލިސް މެންބަރުންނަށް ވެސް ތަޖުރިބާ ކުރެވިގެން ކަމަށް ވާތީއެވެ.

މި ޕެޓިޝަނަށް މަޖިލިސް ތަޅުމުގައި ކުރިއަށްދިޔަ ބަހުސްގައި، ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވީ އާންމު ރައްޔިތުންނަށް ނުލިބޭ ޚާއްސަ އިނާޔަތެއް މަޖިލިސް މެންބަރަކަށް ލިބެން ނުޖެހޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް މި ޕެޓިޝަން ހުށަހެޅި ފަރާތްތަކަށް ކަން ހިނގާ ގޮތް ސާފުވެފައި ނެތް ކަމަށް ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެބަރަކަށް ދައުލަތުން މި އިންސުއަރެންއަށް އަހަރަކު ދައްކަނީ 24،000 ދިވެހި ރުފިޔާ، އޭގެ އިތުރަށް މަޖިލީހުގެ މެބްރަކަށް ދިވެހި ދައުލަތުން ލޯ ލާރިއެއް ވެސް ޚަރަދު ކުރާކަށް ނުޖެހޭ." ފަލާހު ވިދާޅުވިއެވެ.

ފަލާހު ފާހަގަކުރެއްވި ގޮތުގައި، އަހަރަކު 1.3 މިލިއަން ރުފިޔާއާ ހަމައަށް ބޭސްފަރުވާ ކުރެވޭ މި ޕެކޭޖަށް ދައުލަތުން ދައްކަނީ މެންބަރަކަށް އަހަރަކު އެންމެ 24،000 ރުފިޔާއެވެ. އެހެންކަމުން، އެއްވެސް ލިމިޓެއް ނެތި ޚަރަދު ހިނގާ އާސަންދަ ނިޒާމަށް ވުރެ، ކަނޑައެޅޭ ވަކި ޕްރީމިއަމެއް ދައްކައިގެން މި ޚިދުމަތް ދިނުމުން ދައުލަތުގެ ޚަރަދު ކުޑަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުސްޠަފާ ވެސް ވަނީ އިންޝުއަރެންސް ދޫކޮށްލަން ތައްޔާރަށް ތިއްބެވި ކަމަށް ވިދާޅުވެފައެވެ. ސަލީމް ވިދާޅުވީ މަހަކު 2،000 ރުފިޔާގެ އަގުހުރި މި އިންޝުއަރެންސް އެކަނި ނޫން ކަމަށާއި، މުސާރައާއި އެހެނިހެން އިނާޔަތްތައް ވެސް ދޫކޮށްލައްވައިގެން ހިލޭ މަސައްކަތް ކުރައްވަން ވެސް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

""އަޅުގަނޑު ވެސް ހަަމަ އެއްގޮތަކަަށް ވެސް އިންޝުއަރެންސް ބޭނުންވެގެންނެއް ނޫން މިއުޅެނީ. އިންޝުއަރެންސް ހަމަ ކަނޑާލަންވީ، އަޅުގަނޑު އޯކޭ، މައްސަލައެއް ނެތް،" ސަލީމް ވިދާޅުވިއެވެ.

އަދި އިންތިޚާބު ނުވާ މީހުން މިފަދަ ވާހަކަތައް ދެއްކި ނަމަވެސް، މަޖިލީހަށް ހޮވުމުން މުސާރަ ކުޑަކަމުގެ ޝަކުވާ ކުރާތަން ފެންނަ ކަމަށް ވިދާޅުވެ އޭނާ ފާޑުވިދާޅުވިއެވެ.

މެންބަރުންގެ ވާހަކަތައް މި ބީދައިން ހުރި ނަމަވެސް، ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވަނީ ތަފާތު ވިސްނުމެއް ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ މިހާރު މަޖިލިސް މެންބަރުންނަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް ނިސްބަތުން ވަރަށް މަދު ކަމަށެވެ. އަދި އަވަށްޓެރި އިންޑިއާ ފަދަ ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނަށް ލިބޭ އިނާޔަތްތަކާ އަޅާބަލާއިރު ރާއްޖޭގެ މެންބަރުންނަށް ލިބެނީ ވަރަށް ކުޑަ މިންވަރެއް ކަމަށް ވިދާޅުވެ އޭނާ ޝަކުވާ ކުރެއްވިއެވެ.

އިދިކޮޅު އެމްޑީޕީގެ ފަރާތުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ރައްޔިތުންނަށް ނުލިބޭ ބޮޑެތި އިނާޔަތްތަކެއް ހޯދުމަކީ މެންބަރުން އެދޭ ގޮތް ނޫން ކަމަށެވެ. އެހެންނަމަވެސް، މިއަދު މިފަދަ ޕެޓިޝަނެއް ހުށަހަޅަން ޖެހުނީ 20 ވަނަ މަޖިލީހާމެދު ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އޮތުމުންނާއި، ރައްޔިތުންގެ އަސާސީ މައްސަލަތަކަށް ހައްލު ނުލިބި، މަޖިލީހުގެ އިތުބާރު ގެއްލޭ ފަދަ ނިންމުންތައް ނިންމަމުންދާތީ ކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ.