ދުނިޔޭގެ ޓެކްނޮލޮޖީއަށް އަންނަމުންދާ އީޖާދީ ބަދަލުތަކުގެ އެހީގައި ސަގާފީ ތަރިކަތައް ރައްކާތެރިކުރުމުގެ ފުރުސަތު، އެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ ޤައުމުތަކަކަށް ވެސް ހަމަހަމަކަމާއެކު ފަހިވާންޖެހޭނެ ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިކަމަށް ގޮވާލެއްވީ ޗައިނާގައި ކުރިއަށްދާ ލިއާންގްޖޫ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްވި ތަޤުރީރުގައެވެ. "މާޒީއާއި މުސްތަޤުބަލާ ގުޅުވައިދިނުން: މިޒަމާނަށް ފެތޭގޮތަށް ސަގާފީ ތަރިކަ ރައްކާތެރިކުރުން" މި ޝިއާރަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ނުރައްކާތަކުން ތާރީޚީ ތަންތަން ސަލާމަތްކުރުމަށް ޒަމާނީ ވަސީލަތްތަކުގެ އެހީތެރިކަން މިހާރު ކޮންމެހެން ބޭނުންތެރިވެފައިވާ ކަމަށެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ "މޯލްޑިވްސް 2.0″ ތަސައްވުރާ އެއްގޮތަށް، ދިވެހިރާއްޖޭގެ ތަރިކަތައް ތްރީ-ޑީ ޑޮކިއުމެންޓޭޝަނާއި، ޑިޖިޓަލް އިންވެންޓްރީ އަދި އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ރައްކާތެރިކުރުމުގެ މަސައްކަތް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާކަން ހާމަކުރެއްވިއެވެ. މިފަދަ ޑިޖިޓަލް ރައްކާތެރިކަމަކީ، ގުދުރަތީ ގޮތުން ނާޒުކު ހާލަތެއްގައިވާ ރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް ކޮންމެހެން މުހިންމު ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރާއްޖެ ފަދަ ކުދި ޤައުމުތަކުގެ ސަގާފަތް ޑިޖިޓަލް ވެށީގައި ބާކީވެގެން ނުވާނެކަމަށް ބާރުއަޅުއްވަމުން މިނިސްޓަރު ހީނާ ވިދާޅުވީ ވަކި ބަހަކުން ވާހަކަދައްކާ މީހުންގެ އަދަދު މަދުވުމަކީ ނުވަތަ ކުޑަ ގައުމަކަށް ނިސްބަތްވާ ސަގާފަތަކަށް ވުމަކީ، އެ ސަގާފަތެއްގެ މުހިންމުކަން ކުޑަވެ، ދުނިޔެއަށް ނުފެންނަ ފަދަ އެއްޗަކަށް ވާންޖެހޭ ސަބަބެއް ނޫން ކަމަށެވެ.
"އެންމެންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދޭ، އަދި ޓެކްނޮލޮޖީގެ ކުރިއެރުމުގައި ކުދި ޤައުމުތަކާއި އެ ޤައުމުތަކުގެ ސަގާފަތް ބާކީނުވާނެކަން ކަށަވަރުކޮށްދޭ ކަމަކަށް ވާންވާނެ." ހީނާ ވިދާޅުވިއެވެ.
ރާއްޖެއަކީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި ރަށްގިރުމުގެ ބިރުވެރިކަން ބޮޑު ޤައުމަކަށްވާއިރު، 2004 ވަނަ އަހަރުގެ ސުނާމީގައި ވިލުފުއްޓާއި ގެމެންދޫ ފަދަ ރަށްރަށުން އަގުނުކުރެވޭ ފަދަ ތާރީޚީ އަދި ސަގާފީ ހަނދާންތައް ދާއިމަށް ގެއްލިގެން ދިޔަ ހިތާމަވެރި ތަޖުރިބާ މިނިސްޓަރު ހިއްސާކުރެއްވިއެވެ. އަދި ރައީސް މުޢިއްޒުގެ ޒަޢާމަތުގައި 2040 އަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކުރާ ދަތުރުގައި، އިޤްތިސާދީ ކުރިއެރުމުގެ އިތުރުން ޤައުމީ ވަންތަކަމާއި ހިރިގަލު މިސްކިތްތައް ފަދަ އަގުހުރި ތަރިކަތައް ރައްކާތެރިކުރުމަކީ ތަރައްޤީގެ މުހިންމު ބައެއްގެ ގޮތުގައި ބަލައިގަންނަ ކަމަށް ވިދާޅުވިއެވެ.
ޖަޒީރާވަންތަ ގޮތުގެ ސަބަބުން ތަރިކަ ދިރާސާކޮށް ބެލެހެއްޓުމަށް ބޮޑެތި ޚަރަދުތަކެއް ހިނގާކަން ފާހަގަކުރައްވައި، ކުދި ޤައުމުތަކަށް ބައިނަލްއަޤްވާމީ މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ގައުމެއްގެ ޖިއޮގްރަފީގެ ނާޒުކުކަމުން ނުވަތަ ވަސީލަތްތައް މަދުވުމުގެ ސަބަބުން، އެ ގައުމެއްގެ ސަގާފީ ތަރިކަތައް ނެތިގެން ދިއުމުގެ ބިރު ކުރިމަތިލާންޖެހުމަކީ އެއްވެސް ގޮތަކަށް ވެގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި "އެލަޔަންސް ފޯ ކަލްޗަރަލް ހެރިޓޭޖް އިން އޭޝިއާ" (އޭ.ސީ.އެޗް.އޭ) ގެ މެންބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން މި މަސައްކަތްތަކުގައި ސަރަޙައްދީ ޤައުމުތަކާ ގުޅިގެން އަމަލީ ގޮތުން ނަތީޖާ ނެރުމަށް ތައްޔާރަށް އޮތްކަން މިނިސްޓަރު ހާމަކުރެއްވިއެވެ.