ދައުލަތަށް ލިބޭ އާމްދަނީ ބޭނުންކޮށްގެން ކުރިއަށް ހުރި މާލީ އިލްތިޒާމުތައް ފުރިހަމައަށް އަދާކުރެވޭނެ ކަމަށާއި، ދަރަނީގެ ސަބަބުން ގައުމަށް ނުއުފުލޭ ވަރުގެ ބުރައެއް ކުރިމަތިވުމުގެ ފުރުސަތެއް މިހާރު ނެތް ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ސަރުކާރުން ކުރިއަށްގެންދާ "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދަރަނީގެ ކަންކަން ބަލަހައްޓަމުން ގެންދަނީ ދުރު ރާސްތާއަށް އެކަށައަޅާފައިވާ ހަރުދަނާ ސްޓްރެޓެޖީއެއްގެ ދަށުން ކަމަށެވެ. އެގޮތުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު ވަރުގަދަކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަން ފާހަގަކުރައްވައި، ރާއްޖެއަށް ލިބޭ ބޭރު ފައިސާގެ މިންވަރު މަތިކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ވެސް ގެންނަމުންދާ ކަމަށް ވިދާޅުވިއެވެ.
ލޯނު ދައްކަން ޖެހެނީ ބޭރު ފައިސާއިން ކަން ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ ބޭރު ފައިސާ ލިބޭނެ ގޮތްތައް ޤާނޫނުތަކުން ދަނީ ފަހިކުރަމުން ކަމަށެވެ.
މި އަހަރަކީ ދަރަނީގެ ގޮތުގައި ވަރަށް ބޮޑު އަދަދަކުން ފައިސާ ދައްކަން ޖެހުނު އަހަރެއްކަން ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ މި އަހަރު ނިމުމަަށް ފަހު ދައްކަން ޖެހޭ އެފަދަ ބޮޑެތި ދަރަނިތަކެއް ނޯންނާނެ ކަމަށެވެ.
."އަޅުގަނޑުމެންނަށް ނުއުފުލެވޭ ވަރުގެ ބުރައެއް ދަރަނި ދެއްކުމުގައި ކުރިމަގުގައި ފެންނާކަށް ނެތް،" ހަސަން ޒަރީރު ވިދާޅުވިއެވެ.
ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ލިބުނު ކުރިއެރުމެއްގެ ގޮތުން، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީޒްއިން ދާދިފަހުން ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ1′ އަށް މަތިކޮށްފައެވެ. އެ ނިންމުމަށް ބާރުދެނީ، މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ދައްކަންޖެހުނު 500 މިލިއަން ޑޮލަރުގެ ސުކޫކާއި، އެސްބީއައިއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދެ ޓީ-ބިލުގެ އިތުރުން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީ ދައުލަތުން އެއްކޮށް ޚަލާސްކޮށްފައި ވުމެވެ. މީގެއިތުރުން، އަބޫދާބީ ފަންޑަށް ދައްކަން އޮތް 100 މިލިއަން ޑޮލަރު އަނބުރާ ދެއްކުމުގެ މުއްދަތު 2031 ވަނަ އަހަރަށް ވަނީ ފަސްކޮށްދީފައެވެ.
މި ކާމިޔާބީތަކާއެކު، ވޭތުވެދިޔަ އަހަރު ނިމުނުއިރު 2.8 ބިލިއަން ޑޮލަރުގައި (ޖީޑީޕީގެ 35 އިންސައްތަ) ހުރި ބޭރުގެ ދަރަނި، މި އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް އައިއިރު ވަނީ 2.4 ބިލިއަން ޑޮލަރަށް (ޖީޑީޕީގެ 30 އިންސައްތަ) ދަށްކުރެވިފައެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ފަތުރުވެރިކަމަށް އައި ލޮޅުންތަކާ ގުޅިގެން މާލީ އިސްލާހީ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގުވާމީ އިދާރާތަކުގެ އެހީތެރިކަން ހޯދަމުން އަންނައިރު، މި އަހަރު ދައްކަންޖެހޭ 1.1 ބިލިއަން ޑޮލަރުގެ ތެރެއިން މި މަހުގެ 8 ވަނަ ދުވަހާ ހަމައަށް ވަނީ 10.1 ބިލިއަން ރުފިޔާ ދައްކައި ނިންމާފައެވެ.