ކ. ތިލަފުށީގައި ތަރައްޤީކުރަމުން އަންނަ އިންސިނަރޭޓަރުގެ މަސައްކަތްތައް ނިންމައި، 2028 ވަނަ އަހަރުގެ މެދުތެރޭގައި އެ ތަން ރަސްމީކޮށް ބޭނުންކުރަން ފެށޭނެ ކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާރޖީ, އަލީ ޝަރީފް ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދިޔަ "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފައިބަރުގެ މަސައްކަތްކުރާ މަރުކަޒަކީ ތިލަފުށި ކަމަށެވެ. އަދި ފައިބަރަކީ ހާއްސަ އުސޫލުތަކެއްގެ ދަށުން ރައްކާތެރިކަމާއެކު ނައްތާލަންޖެހޭ އެއްޗަކަށް ވާތީ، މުޅި ރާއްޖެއިން ތިލަފުއްޓަށް ޖަމާކުރާ މިފަދަ ތަކެތި ހަރުދަނާ ނިޒާމަކުން މެނޭޖްކުރުމަށް މި މަޝްރޫއަކީ ނުހަނު މުހިންމު ކަމެއް ކަމަށް އަލީ ޝަރީފު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން އަލީ ޝަރީފް ވިދާޅުވީ، ކޮންޓްރެކްޓަރަށް ދިމާވި މައްސަލަތަކަކާ ގުޅިގެން މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު، މިހާރު އާ ކޮންޓްރެކްޓަރަކާއެކު އަލުން އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި މިހާތަނަށް މި މަޝްރޫއުގެ 40 އިންސައްތަ ނިމިފައިވާއިރު، އަލުން މަސައްކަތް ފެށުމާއެކު ގިނަވަމުންދާ ފައިބަރުގެ ކުންޏަށް އެކަށީގެންވާ ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، ތިލަފުށީގައި ކުރިއަށްދާ "ވޭސްޓް-ޓު-އެނާޖީ" ޕްލާންޓުގެ އެންމެހައި މަސައްކަތްތައް ވެސް 2028 ވަނަ އަހަރުގެ ނިޔަލަށް އެއްކޮށް ނިންމައި ހިދުމަތަށް ގެނައުމަށް ވަނީ އަމާޒު ހިފާފައިވާ ކަމަށް އަލީ ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.
"ދުވަސްތަކެއް ވަންދެން ހުއްޓިފައި ހުރުމަށްފަހު، މިހާރު އަނެއްކާ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ. އެއާއެކު ގިނަ ވަމުންދާ ފައިބަރައަށް ބޮޑު ހައްލެއް ލިބިގެންދާނެ. ޕްލޭންއަކީ 2028 ވަނަ އަހަރުގެ މެދުތެރޭގައި ބޭނުންކުރަން ފެށުން. މިހާރު ނިމިފައިވަނީ 40 އިންސައްތަ. ކޮންޓްރެކްޓަރުގެ މައްސަލައާއި މަސައްކަތް ހުއްޓިފައި ހުރުމަށް ފަހު، މިހާރު އައު ކޮންޓްރެކްޓަރާއެކު މަސައްކަތް ދަނީ ކުރަމުން،" އަލީ ޝަރީފް ވިދާޅުވިއެވެ
ދުވާލަކު 500 ޓަނުގެ ކުނި އަންދައިގެން 13 މެގަވޮޓުގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން ލިބިގެންވާ މި ޕްލާންޓުން، ޤައުމީ ގްރިޑަށް 10 މެގަވޮޓުގެ ހަކަތަ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، މި ނިޒާމު ފުރިހަމައަށް ހިންގަން ފެށުމާއެކު ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ހަރަދުން އަހަރަކު ގާތްގަނޑަކަށް ދެ މިލިއަން އެމެރިކާ ޑޮލަރު ސަލާމަތް ކުރެވޭނެއެވެ. އަދި ޕްލާންޓް ބޭނުންކުރަން ފަށާތާ ދެ އަހަރު ތެރޭގައި، ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން އަހަރަކު 40،000 މެޓްރިކް ޓަނުގެ ކާބަންޑައިއޮކްސައިޑް މަދުކުރެވިގެންދާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ