MTCC

މާލޭގައި އާންމުންނަށް ގޯނާކޮށް އުނދަގޫކުރާ މީހާ ހައްޔަރުކޮށް ބަންދުކޮށްފި

police

މާލޭގައި އާންމުންނަށް ގޯނާކޮށް އުނދަގޫކުރާ މީހާ ހައްޔަރުކޮށް ބަންދުކޮށްފި

SHARE

މާލޭގެ މަގުމަތިން ހިނގާބިނގާވެ އުޅޭ އާންމުންނަށާއި އަވަށްޓެރިންނަށް ތަކުރާރުކޮށް ގޯނާކޮށް އުނދަގޫކުރަމުންދިޔަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށްޓަށް ނިސްބަތްވާ އަހުމަދު ފައިރިޝް ކިޔާ މީހެކެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ނެރުނު އަމުރުގައި ބަޔާންކޮށްފައިވަނީ، އޭނާ މީހަކަށް ބިރުދައްކައި، މުދަލަށް ގެއްލުންދީފައިވާ ކަމަށް ފުލުހުންގެ ފަރާތުން ކޯޓަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އޭނާއަކީ މީގެ ކުރިންވެސް ބަންދުކުރެވިފައިވާ ރެކޯޑު އޮތް މީހެއް ކަމަށް އަމުރުގައި ވާއިރު، އޭނާ ވަނީ މި ތުހުމަތުތަކަށް ކޯޓުގައި އިންކާރުކޮށްފައެވެ.

ފައިރިޝް އިއްޔެ ހައްޔަރުކޮށްފައި މިވަނީ، އޭނާގެ ފަރާތުން ލިބެމުންދާ ގޯނާތަކާއި އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ގޮވާލައި، މުހައްމަދު ސަޢީދު ނަމަކަށް ކިޔާ އާންމު ރައްޔިތަކު މަގުމަތީގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށެވެ. ސަޢީދު އިސްނަގައިގެން ކުރިއަށްގެންދިޔަ މި ހަޅުތާލު، 35 ގަޑިއިރަށްފަހު މިހާރު ވަނީ ނިންމާލާފައެވެ.

ހަޅުތާލު ކުރިއަށްދިޔަ ސަރަހައްދަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން ވަޑައިގެން، ސައީދާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް އަޑުއެއްސެވިއެވެ. ސަޢީދު ފާހަގަކުރި ގޮތުގައި އޭނާ ހަޅުތާލު ނިންމާލީ ކަމާބެހޭ މުއައްސަސާތަކުން އެކަށީގެންވާ ފިޔަވަޅު އަޅައި، އެއްބާރުލުން ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބުމުންނެވެ. އެގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާން ދެއްވި ޔަގީންކަމަށް އޭނާ ޝުކުރު އަދާކުރިއެވެ.

މީގެއިތުރުން، މި މައްސަލަ ވަރަށް ގާތުން ބައްލަވާނެ ކަމުގެ ޔަގީންކަން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފްވެސް އާއިލާއަށް ދެއްވާފައިވާ ކަމަށް ސަޢީދު ބުންޏެވެ. އަދި މި މައްސަލައިގައި އިދާރާތަކުން ފިޔަވަޅު އަޅަމުންދާ ގޮތް ކުރިއަށް އޮތް ތަނުގައިވެސް ގާތުން ބަލަމުން ގެންދާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

ސަޢީދު ބުނި ގޮތުގައި ހ. ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ދިރިއުޅޭ މީހުންނަށާއި އެ މަގުން ދަތުރުފަތުރުކުރާ އާންމުންނަށް ފައިރިޝްގެ ފަރާތުން ޖިންސީ ފުރައްސާރައާއި އެކި ކަހަލަ ގޯނާތައް ކުރިމަތިވަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އަދި ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަމުގެ ޝަކުވާ އެތައް ފަހަރަކު ފުލުހުންނަށް ރިޕޯޓުކޮށްފައިވާނެ ކަމަށްވެސް އޭނާ ބުންޏެވެ.

މި މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނެސްދީ އަޑުއުފުލައިދިން މީޑިއާތަކަށާއި މީސްމީޑިއާގެ އެކި ފަރާތްތަކަށްވެސް ސައީދު ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.