ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަމަޖައްސައިދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިތުރު މުއްދަތަކަށް ފަސްކޮށްދީފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި އެހީތެރިކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުން ގާއިމުކޮށްފައިވަނީ އިންޑިއާގެ މަރުކަޒީ ބޭންކް (އާރްބީއައި) އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ދެމެދުގައެވެ.
މި އެއްބަސްވުމުގެ ދަށުން، 30 ބިލިއަން އިންޑިއަން ރުޕީސްއާ ހަމައަށް އެކި މަރުހަލާތަކަށް ބަހާލައިގެން ފައިސާ ނެގުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެންދެއެވެ. އެގޮތުން، މި އަދަދުގެ ފުރަތަމަ ބައި ރާއްޖެއަށް ދޫކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުއެވެ.
2024 އިން 2027 އަށް އެކުލަވާލާފައިވާ މި އޮނިގަނޑުގެ ސަބަބުން އިންޓްރެސްޓް ރޭޓާއި އެހެނިހެން މާލީ ޝަރުތުތަކުން ރާއްޖެއަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް އިންޑިއާ ހައިކޮމިޝަނުން ފާހަގަކުރެއެވެ. މީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކޮށް، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އިންޑިއާއިން އިތުރަށް ހާމަކުރި ގޮތުގައި، 2012 ވަނަ އަހަރު މިފަދަ އެހީތެރިކަމުގެ އޮނިގަނޑެއް ތައާރަފުކުރި ފަހުން، އިންޑިއާގެ މަރުކަޒީ ބޭންކު މެދުވެރިކޮށް ރާއްޖެއަށް ޖުމްލަ 1.1 ބިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވަޕްގެ އެހީތެރިކަން ވަނީ ދީފައެވެ. މީގެއިތުރުން، ރާއްޖޭގެ ބަޖެޓަށް އެހީވުމުގެ ގޮތުން 250 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރުގެ ދިގު މުއްދަތުގެ ޓީ-ބިލް ވެސް އިންޑިއާ ސަރުކާރުން ވަނީ ގަނެދީފައެވެ.
ހަމައެއާއެކު، އިންޑިއާއިން ގަނެފައިވާ 150 މިލިއަން ޑޮލަރުގެ ތިން ޓީ-ބިލް ރާއްޖެއިން ދައްކައި ހަލާސްކޮށްފައިވާއިރު، އެ ބިލްތަކަށް އަރާފައިވާ 42.8 މިލިއަން ޑޮލަރުގެ އިންޓްރެސްޓް ދައްކައިދީފައިވަނީ އިންޑިއާ ސަރުކާރުން ކަމަށްވެސް އެ ގައުމުގެ ހައިކޮމިޝަނުގެ ބަޔާނުގައި ވެއެވެ.