MTCC

ޓްރެފިކް ގަވާއިދާ ޚިލާފުވާ އުޅަނދުތައް ޑިޖިޓަލްކޮށް ބަލައި، ވެރިފަރާތަށް މެސެޖު ފޮނުވަނީ

6982a47e-675e-4214-a4c4-80b6fef1d1e7

ޓްރެފިކް ގަވާއިދާ ޚިލާފުވާ އުޅަނދުތައް ޑިޖިޓަލްކޮށް ބަލައި، ވެރިފަރާތަށް މެސެޖު ފޮނުވަނީ

SHARE

މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި އުޅަނދުތައް ގިނަވެ ތޮއްޖެހުން ބޮޑުވަމުންދާތީ، އެކަން ހައްލުކޮށް ޓްރެފިކް ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ފިޔަވަޅު އަޅާ އާ ނިޒާމެއް ތަންފީޒުކުރަން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މިއަދު އާންމުކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ހާއްސަ ޑިޖިޓަލް ވަސީލަތްތަކާއި އެޕްލިކޭޝަންތައް ބޭނުންކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފަށާނެއެވެ.

މި ނިޒާމުގެ މައިގަނޑު ބޭނުމަކީ ގަވާއިދާ ޚިލާފަށް ޕާކުކުރާ އަދި ދުއްވާ އުޅަނދުތައް ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ފަސޭހައިން ދެނެގަތުމެވެ. އެގޮތުން، ގަވާއިދާ ޚިލާފުވާ ހާލަތްތަކުގައި އެ އުޅަނދެއްގެ ވެރިފަރާތަށް ނުވަތަ އެކަމާ ގުޅުންހުރި ފަރާތަކަށް އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް އެ ވަގުތުން ވަގުތަށް މައުލޫމާތާއި ނޯޓިސް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

އެހެންކަމުން، މި ނިޒާމުގެ މެސެޖުތައް އުޅަނދުތަކުގެ ވެރިފަރާތްތަކަށް ރަނގަޅަށް ލިބެމުންދާކަން ކަށަވަރުކުރުމަށްޓަކައި، މިހާރު ބޭނުންކުރަމުންދާ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި "ސިމްސް ޕޯޓަލް" މެދުވެރިކޮށް އަޕްޑޭޓް ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

މި އުސޫލަށް ފުރަތަމަ އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މާލެއާއި ހުޅުމާލޭގެ އެންމެ ކާރޫބާރު ބޮޑު ސަރަހައްދުތަކާއި މައި މަގުތަކުގައެވެ. އޭގެ ތެރޭގައި:

  • ސްކޫލްތަކާއި ހޮސްޕިޓަލްތައް ހުންނަ ސަރަހައްދުތައް
  • ކަފިހިހުރަސްތަކާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަކޮށްފައިވާ ޕާކިން ޒޯންތައް
  • މާލޭގެ މައި މަގުތައް: މަޖީދީ މަގު، އަމީނީ މަގު، ސޯސަން މަގު އަދި ބޮޑުތަކުރުފާނު މަގު
  • ހުޅުމާލެ ފޭސް 1 ގެ މަގުތައް: ބޯށިމާ ހިނގުން، ސައިމާ ހިނގުން، ނިރޮޅު މަގު، ހަނދުވަރީ ހިނގުން، ހިތިގަސް މަގު، ބަގީޗާ ހިނގުން އަދި ރީތިގަސް މަގު
  • ހުޅުމާލެ ފޭސް 2 ގެ މަގުތައް: ގުލްއަލާމާ ހިނގުން، ނިރޮޅު މަގު، ބެރެބެދިމާ ހިނގުން އަދި ހިތިގަސް މަގު

ވެރިރަށް މާލެ ސަރަހައްދުގައި ޕާކުކުރުމުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، މަގުތަކުގެ ދެފަރާތުގައާއި ހިނގާބިނގާވާ ސަރަހައްދުތަކުގައި ގަވާއިދާ ޚިލާފަށް އުޅަނދުތައް ޕާކުކުރުމުގެ ސަބަބުން ހިނގާ މީހުންނަށާއި ދުއްވާ އެއްޗެއްސަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވެ، ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމަށް ވަނީ މަގުފަހިވެފައެވެ.

މިފަދަ މައްސަލަތައް ހައްލުކޮށް މަގުތަކަކީ އެންމެންނަށްވެސް އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، އެންމެހައި ރައްޔިތުންވެސް އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ސަރުކާރުން އެދެއެވެ. އަދި މަގުމަތީގެ ސަލާމަތާއި ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށާއި ކަމާބެހޭ އިދާރާތަކަށް ލިބެމުންދާ އެއްބާރުލުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފައެވެ.