ދިވެހިރާއްޖޭގެ ކޮންމެ ގެއެއްގެ ގޯތިތެރެއަކީވެސް ފެހިކަންގަދަ، ދަނޑުވެރިކަމުގެ ބޭނުންތެރި މަސައްކަތްތަކެއް ކުރާ ތަނަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު ގޮވާލައްވައިފި އެވެ.
ދިވެހި ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި މެޑަމް ސާޖިދާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޒަމާނީ އީޖާދުތަކާއި ޓެކްނޮލޮޖީއާއެކު، ބޮޑެތި ބިންތައް ނެތް ކަމުގައި ވިޔަސް، ކުދި ޖާގަތަކުގައިވެސް ބޮޑު ނަފާއެއް ހޯދޭނެ ގޮތަށް ދަނޑުވެރިކަން ކުރިއެރުވުމުގެ ފުރުސަތު މިއަދު ފަހިވެފައިވާ ކަމަށެވެ. އަދި އަމިއްލަ ގޭބިސީތަކުގައި މިފަދަ މަސައްކަތްތައް ފެށުމަކީ ޖައްވު ސާފުވެ، ތިމާވެށި ރައްކާތެރިވުމުގެ އިތުރުން، ފައިދާހުރި ރަނގަޅު ކާނާ އަމިއްލައަށް އުފެއްދުމަށް ލިބޭ ރަނުގެ ފުރުޞަތެއް ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު މި ޒަމާނުގެ ދަނޑުވެރިކަމަކީ ކުދި ޖާގަތަކުގައި ބޮޑު މަންފާއެއް ލިބޭނެހެން ކުރިއެރުވޭނެ މަސައްކަތެއް. ކޮންމެ ގެއަކާއި ގޯއްޗެއްތެރޭވެސް ދަނޑުވެރިކަމުގެ މަސައްކަތެއް ކުރުމަކީ، ފެހިކަން އިތުރުވެ، ވައި ސާފުވެ، ރަނގަޅު ކާނާ ހޯދުމަށް ފަހި ކުރެވިދާނެ ފުރުޞަތެއް.
ދަނޑުވެރީންގެ ދުވަހުގެ ތަހުނިޔާ، މި ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށް މި އަރިސްކުރަނީ، ކޮންމެ ދިވެއްސަކީވެސް ގަސްއިންދާ ހެއްދުމަށް ޝައުގުވެރި ރައްޔިތަކަށް ވުމަށް އިލްތިމާސްކުރަމުން. ގަސްގަހާގެހި ހެއްދުމުގައި ޞިއްޙީގޮތުން ރައްކާތެރި ހަމަތައް ހިފެހެއްޓެވުމަށް ހަނދުމަފުޅުކޮށް އަރުވަމުން.
— First Lady Sajidha Mohamed (@sajidhaamohamed) October 15, 2026
މި ދާއިރާގައި ހަރަކާތްތެރިވާ ހީވާގި ދަނޑުވެރިންނަށް ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވަމުން، އެކަމަނާ ވަނީ ކޮންމެ ދިވެއްސަކީވެސް އަމިއްލައަށް ގަސްއިންދައި ހެއްދުމަށް ޝައުގުވެރިވާ ފަރުދަކަށް ވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ގަސްގަހާގެހި ހައްދައި ބެލެހެއްޓުމުގައި، ސިއްހީ މިންގަނޑުތަކާއި ރައްކާތެރިކަމުގެ އުސޫލުތައް އެންމެ އިސްކަންދީގެން ހިފެހެއްޓުމަށްވެސް އެކަމަނާ ހަނދާންކޮށްދެއްވިއެވެ.
ރާއްޖޭގައި ދަނޑުވެރިންގެ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ 2009 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހުއެވެ. ނަމަވެސް، ދަނޑުވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކޮށް، މި ދާއިރާގެ ހަރަކާތްތައް އިތުރަށް ފުޅާކުރުމުގެ ބޭނުމުގައި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން، ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހަކީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ކަނޑައެޅީ 2020 ވަނަ އަހަރު ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުމަކާ ގުޅިގެންނެވެ.