ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަޙައްދާއި ކަނޑުގެ ސަރަޙައްދުތައް ބެލެހެއްޓުމުގެ އެއްވެސް ބާރެއް ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ފަރާތަކަށް ދޫކޮށްނުލާނެ ކަމަށް ދިވެހި ސަރުކާރުން ސާފު އިބާރާތުން ހާމަކޮށްފިއެވެ.
ސަރުކާރުން މިހެން ވިދާޅުވެފައިވަނީ އިންޑިއާގެ އަސްކަރިއްޔާއާ ނުލައި ރާއްޖޭގެ ސަލާމަތާއި ސިޔާދަތު ނުދެމެހެއްޓޭނެ ކަމަށާއި އިންޑިއާގެ އެހީތެރިކަން ރާއްޖެއަށް ބޭނުންވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.
ސަރުކާރުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ މިނިވަންކަން ބިނާވެފައިވަނީ ޤައުމުގެ ބިމާއި ކަނޑުގެ ސަރަޙައްދުގެ އިތުރުން ދައުލަތުގެ އަމިއްލަ ސިޔާދަތުގެ މައްޗަށް ކަމަށެވެ. އަދި މިއީ އެއްވެސް މީހަކަށް ބަދަލުނުކުރެވޭނެ ދިވެހި ރައްޔިތުންގެ ހައްޤެއް ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ. ޤާނޫނުއަސާސީން ދައުލަތަށް ލާޒިމުކުރަނީ ރާއްޖޭގެ ސަރަޙައްދުގައިވާ ބައިނަލްއަޤްވާމީ މުހިންމު ކަނޑުއޮޅިތައް ހިމެނޭހެން، ދިވެހި ކަނޑުފަޅުތައް ހިމާޔަތްކޮށް ބެލެހެއްޓުމުގެ އެންމެހައި ކަންކަން އަމިއްލަ ބާރުގެ ދަށުގައި ބޭއްވުމަށެވެ. މާޒީގައިވެސް އަދި މިހާރުވެސް ދިވެހިން މި ވާޖިބު އަދާކުރަމުން ދަނީ ފަޚުރުވެރިކަމާއެކު ކަން ތާރީޚުން ސާބިތުވާކަން ސަރުކާރުން ފާހަގަކުރިއެވެ.
ރާއްޖެ އުފެދިފައިވާ ސަރަޙައްދުގެ ގޮތުން، ދުނިޔޭގެ ވިޔަފާރިއާއި ހަކަތައިގެ މުހިންމު ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ބޮޑު މަގެއް އޮތީ ރާއްޖޭގެ ކަނޑުއޮޅިތަކުގައެވެ. މި ސަރަޙައްދު އަމާންކަމާއެކު ދެމެހެއްޓުމަކީ މުޅި ދުނިޔޭގެ ވިޔަފާރިއަށާއި ސަރަޙައްދީ ހަމަޖެހުމަށް ރާއްޖެއިން ޒަމާނުއްސުރެ ވެދެމުން އަންނަ އަގުނުކުރެވޭފަދަ ބޮޑު ޚިދުމަތެކެވެ. އެހެންކަމުން، މި ސަރަޙައްދުގެ ރައްކާތެރިކަން ދެމެހެއްޓުމަކީ ދިވެހި ދައުލަތުން އެންމެ އިސްކަންދޭ އެއް ކަންތަކެވެ.
ސަރުކާރުގެ ބަޔާނުގައި އިތުރަށް ބަޔާންކުރި ގޮތުގައި، ރާއްޖޭގެ އެއްވެސް ސަރަޙައްދެއް ބޭރުގެ އަސްކަރިއްޔާއަކާ ޙަވާލުކުރުމަކީ މިނިވަންކަމަށް އުނިކަން އައިސް، މުޅި ސަރަޙައްދުގެ ސަލާމަތީ މަސްލަޙަތަށް ނުރައްކާވާނެ ކަމެކެވެ. އެހެންކަމުން، މިފަދަ އެއްވެސް ޖާގައެއް ބޭރުގެ ބާރުތަކަށް ނުދިނުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތެކެވެ.
މީގެ އިތުރުން، އެއްވެސް ސިފައެއްގައި ބޭރުގެ ނުފޫޒުތައް ރާއްޖެއަށް ވެރިކުރުވުމަށް މަގުފަހިވާނޭ ފަދަ އެއްވެސް އަމަލެއް ނުހިންގުމަށާއި، ސީދާކޮށް ނުވަތަ ނުސީދާކޮށް ވިޔަސް އެފަދަ ކަންކަމަށް ދަޢުވަތު ނުދިނުމަށް ދިވެހި ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.