MTCC

ޕީއެންސީއަށް ސޮއިނުކުރައްވައިގެން ސަފީރަކު ވަކިކުރި ވާހަކަ ދޮގުކޮށްފި

original-1728973197132webp-876x584

ޕީއެންސީއަށް ސޮއިނުކުރައްވައިގެން ސަފީރަކު ވަކިކުރި ވާހަކަ ދޮގުކޮށްފި

SHARE

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިނުކުރެއްވުމުގެ ސަބަބުން، ދިވެހިރާއްޖެއިން ސައޫދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރަކު މަގާމުން ދުރުކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގެއް ކަމަށް ހާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.

އޮންލައިން ނޫހެއްގައި ބަޔާންކޮށްފައިވާ ގޮތުން މި މައްސަލައިގައި މަގާމުން ދުރުކުރެއްވީ އެމްބެސެޑާ އެޓް ލާޖް އަހުމަދު ސަރީރުއެވެ.

އެ ނޫހެއްގައި ޝާއިއުކުރި މި ހަބަރާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބަޔާންކޮށްފައިވަނީ، ސަފީރުން މަގާމަށް އައްޔަންކުރުމާއި ވަކިކުރުމުގެ އެންމެހައި އިޖުރާއާތުތައް ހިނގަނީ ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނުގައި ކަނޑައެޅިފައިވާ ހަމަތަކުގެ މަތިން ކަމަށެވެ. އަދި އެފަދަ ނިންމެވުންތަކަކީ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ އިހުތިޔާރުގެ ދަށުން ނިންމަވާ ކަންކަން ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ފޮރިން މިނިސްޓްރީގެ ތަފްސީލުތަކުގައިވާ ގޮތުން، އަހުމަދު ސަރީރަކީ މިއަހަރުގެ ޖެނުއަރީ 3 ވަނަ ދުވަހުން ފެށިގެން އެމްބެސެޑާ އެޓް ލާޖްގެ ގޮތުގައި ސްޓޭޓް މިނިސްޓަރު ފެންވަރުގައި ހުންނެވި ބޭފުޅެކެވެ. އޭގެ ފަހުން، ސައޫދީގައި ހުންނަވާ ސަފީރުކަމުގެ މަގާމަށް އޭނާ ހަމަޖެއްސެވީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

ހާރިޖީ ދާއިރާގެ ގަވާއިދުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓްރީން ބުނީ، ފޮރިން ސާވިސްގެ ސުލޫކީ މިންގަނޑު ހަމަޖެހިފައިވާ ގޮތުން އެ ހިދުމަތުގައި ދެމިތިބޭ އެއްވެސް މުވައްޒަފަކަށް ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދައެއް ނޯންނާނެއެވެ.

މީގެއިތުރުން، އެއްވެސް މުވައްޒަފަކު ގާނޫނާ ހިލާފަށް ސިޔާސީ ޕާޓީއަކާ ގުޅުމަށް ސަރުކާރުގެ އެއްވެސް ފަރާތަކުން އެއްވެސް ފިއްތުމެއް ކުރިމަތިކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ވެސް އެ ވުޒާރާއިން ދިނެވެ. އަދި ހާރިޖީ ވުޒާރާއާއި މުވައްޒަފުންގެ އަގުވެއްޓޭ ގޮތަށް ހަގީގަތެއް ނެތް މައުލޫމާތު ނުފެތުރުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.