MTCC

އަންނަ އާދިއްތައިން ފެށިގެން ދަތިކަމެއް ނެތި ޕާސްޕޯޓު ލިބޭނެ: މިނިސްޓަރު

b_202608240144541787561094.0733

އަންނަ އާދިއްތައިން ފެށިގެން ދަތިކަމެއް ނެތި ޕާސްޕޯޓު ލިބޭނެ: މިނިސްޓަރު

SHARE

ޕާސްޕޯޓު ދޫކުރުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބި، އަންނަ އާދިއްތަ ދުވަހުން ފެށިގެން އެއްވެސް ދަތިކަމެއް ނެތި އާންމު އުސޫލުން ޕާސްޕޯޓުގެ ޚިދުމަތް ލިބެން ފަށާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިހުސާން ވިދާޅުވީ، ދިވެހި ޕާސްޕޯޓު ޕްރިންޓުކުރާ ބުކްލެޓް ފޯރުކޮށްދޭ ޖަރުމަނުވިލާތުގެ ކުންފުނީގެ މެޝިނަރީޒްތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިދިޔަ އޮގަސްޓް 27 އިން ފެށިގެން ޕާސްޕޯޓް ދޫކުރުމަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެންނަން ޖެހުނު ކަމަށެވެ. އަދި އެ ދަތި ހާލަތުގައި ވެސް ކިޔަވާ ކުދިންނާއި ބޭސްފަރުވާއަށް ފުރަންޖެހޭ ފަރާތްތަކަށް އިސްކަންދީގެން މެދުކެނޑުމެއްނެތި ޚިދުމަތް ފޯރުކޮށްދީފައިވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އިހުސާން ހާމަކުރެއްވި ގޮތުގައި، ބޭރުގެ ކުންފުންޏަށް ދިމާވި މައްސަލަ މިހާރު ވަނީ އެއްކޮށް ހައްލުކުރެވިފައެވެ. އަދި މި ހަފުތާ ބަންދުގައި ޕާސްޕޯޓް ބުކްލެޓްތަކުގެ އައު ސްޓޮކް ރާއްޖެއަށް ލިބުމާއެކު، އާދިއްތަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ 39 މަރުކަޒަކުން އާންމު އުސޫލުން ޚިދުމަތް ދޭން ފަށާނެއެވެ.

"ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ޤައުމުތަކުގައި ވެސް ޕާސްޕޯޓެއް ހެއްދުމަށް 28 ދުވަހާއި 40 ދުވަސް، ނުވަތަ މަހެއްހާ ދުވަސް ނަގާ. އެހެންނަމަވެސް އަޅުގަނޑުމެން އާންމު ހާލަތަށް ރުޖޫއަވުމުން، ހުށަހަޅާތާ 24 ގަޑިއިރުގެ ތެރޭގައި ޕާސްޕޯޓް ހަދައި ނިންމައިދޭނަން،" އިހުސާން ވިދާޅުވިއެވެ.

މީގެއިތުރުން، ޕާސްޕޯޓު ދޫކުރުން މަޑުޖެހިފައި އޮތުމުގެ ސަބަބުން މިހާރު 2,646 އެޕްލިކޭޝަންގެ ބެކްލޮގެއް އުފެދިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 350 އެޕްލިކޭޝަން ހުށަހެޅޭއިރު، އައު ސްޓޮކް ލިބުމާއެކު މި ބެކްލޮގް ކުރިއަށް އޮތް ފަސް ދުވަހެއްގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އިހުސާން ދެއްވިއެވެ.

އެގޮތުން ބެކްލޮގް އަވަހަށް ކްލިއަރ ކުރުމުގެ ގޮތުން އިމިގްރޭޝަންގެ ޚިދުމަތްދޭ ވަގުތުތައް އިތުރުކޮށް، އޮފީސް ހުޅުވާފައި ހުންނަ ވަގުތާއި ޕާސްޕޯޓު ޕްރިންޓުކުރުމުގެ ކެޕޭސިޓީ އިތުރުކޮށްގެން ހަލުވިކަމާއެކު މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.