ދިވެހިރާއްޖޭގައި އިސްލާމީ ކަންކަމަށް ޚަރަދުކުރުމަށްޓަކައި ވަޤުފު މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން އުފައްދަވާފައިވާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓް ލިމިޓެޑް"ގެ ޑިރެކްޓަރުންގެ ބޯޑަށް ހަތް ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.
މި ކުންފުނީގެ ޗެއާޕާސަންގެ މަޤާމަށް ހަމަޖައްސަވާފައިވަނީ އައްޝެއިޚް އިއްޒައްދީން އަދުނާން އެވެ. އަދި މެނޭޖިން ޑިރެކްޓަރު (އެމްޑީ) ގެ މަޤާމަށް އައްޔަންކުރެއްވީ ޔާމީން އިދްރީސް އެވެ.
މި ދެ ބޭފުޅުންގެ އިތުރުން ކުންފުނީގެ ބޯޑު މެންބަރުންގެ ގޮތުގައި އިތުރު ފަސް ބޭފުޅަކު ވަނީ ހަމަޖައްސަވާފައެވެ. އެ ބޭފުޅުންނަކީ:
- ހުސައިން ޝާމް އާދަމް
- ޑރ. މުހައްމަދު ޝުޖާއު
- މަރްޔަމް ނިހާޔަތު
- އަބްދުﷲ އަލީ
- މުހައްމަދު ހިލްމީ
މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓް ލިމިޓެޑަކީ ކުންފުނީގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ރިޔާސީ ޤަރާރަކުން އުފެއްދެވި ސަރުކާރުގެ ކުންފުންޏެކެވެ.
މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފު އިމާރާތްތައް ބިނާކުރުމާއި، އެ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިސްކިތްތައް އަޅައި، މިސްކިތްތަކުގެ އާބާތުރަ ފިލުވައި، ބޭނުންވާ ޒަމާނީ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ވެސް މި ކުންފުނީގެ ދަށުން ކުރިއަށް ގެންދާނެއެވެ.
މީގެ އިތުރުން، އިސްލާމީ ޝަރީޢަތުގެ ހަމަތަކުގެ މަތިން ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގައި، އޭގެ މަންފާ ދީނީ ކަންކަމަށް ފޯރުކޮށްދިނުމަކީވެސް މި ކުންފުންޏާ މަތިކޮށްފައިވާ މުހިންމު މަސްއޫލިއްޔަތެކެވެ.