މެލޭޝިޔާގެ ސުބަންގް ޖާޔާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެފައިވާއިރު، މި ހާދިސާގައި އެމީހުން ކުއްޔަށް ނެގި ކާރު ދުއްވަން އިން ޑްރައިވަރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ގާތްގަނޑަކަށް 8:48 ހާއިރު، ނިއު ޕަންތައި އެކްސްޕްރެސްވޭ (އެން.ޕީ.އީ) ގެ ޕީ.ޖޭ.އެސް ޓޯލް ޕްލާޒާ ކައިރިން، ޕުޗޮންގްއާ ވީ ކޮޅަށް ދަތުރުކުރަމުން ދަނިކޮށެވެ. މި އެކްސިޑެންޓުގައި ނިޔާވެފައިވަނީ ސ. ހިތަދޫއަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ އާމިނަތު އިމީލީ ނާޒިމް އެވެ. އޭނާއަކީ މެލޭޝިޔާގެ ޓޭލާސް ޔުނިވަރސިޓީގައި ތަޢުލީމު ހާސިލުކުރަމުންދިޔަ ދަރިވަރެކެވެ. އިމިލީގެ އިތުރުން އެ ކާރުގައި ދަތުރުކުރި އެ ޔުނިވަރސިޓީގެ އަނެއް ދަރިވަރަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
ސުބަންގް ޖާޔާ ޑިސްޓްރިކްޓްގެ ޕޮލިސް ޗީފް، އެސިސްޓެންޓް ކޮމިޝަނަރ ވާން އަޒްލާން ވާން މަމަތު ވިދާޅުވި ގޮތުގައި، ފުލުހުންގެ އިބްތިދާއީ ތަހުގީގުން އެނގިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގީ ދިވެހި ދަރިވަރުން ދަތުރުކުރި 'ޕެރޮޑުއާ އަޓިވާ' މަރުކާގެ އީ-ހެއިލިންގ ކާރު، ޓޯލް ގޭޓުގެ އާރް.އެފް.އައި.ޑީ ލޭނަށް ވަންނަން އުޅުމުގެ ތެރޭގައި ކުރީގައި އޮތް 'ޕްރޮޓޯން އެސް70′ މަރުކާގެ ކާރުގެ ފަހަތުގައި ބާރު ސްޕީޑުގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގެ ބާރުގަދަކަމުން އީ-ހެއިލިންގ ކާރު ކޮންޓްރޯލުން ނެއްޓި، މަގުމައްޗަށް ބަންޑުން ޖަހާލިއެވެ.
މި ހާދިސާގައި އިމިލީ ކާރުގެ ތެރޭގައި ތާށިވެ، ލިބުނު ބޮޑެތި އަނިޔާތަކަށް ފަރުވާ ދިނުމުގެ ކުރިން އެ ތަނުގައި ވަނީ ނިޔާވެފައެވެ. އަދި އޭނާއާއެކު ދަތުރުކުރި އަނެއް ދަރިވަރަށް ކުދި އަނިޔާތަކެއް ލިބުނު ނަމަވެސް، އެކްސިޑެންޓްވި ދެ ކާރުގެ ޑްރައިވަރުންނަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނިޔާވި ދަރިވަރުގެ ހަށިގަނޑު މިހާރު ވަނީ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ޝާހް އަލަމް ހޮސްޕިޓަލުގެ ފޮރެންސިކް ޑިޕާޓްމަންޓަށް ގެންގޮސްފައެވެ.
ފުލުހުން ވަނީ މި ހާދިސާއަށްފަހު ދެ ކާރުގެ ޑްރައިވަރުންގެ ކުޑަކަމުދާ ތަކެތި ޓެސްޓުކޮށްފައެވެ. ޓެސްޓުގެ ނަތީޖާއިން ދެއްކި ގޮތުގައި އީ-ހެއިލިންގ ކާރު ދުއްވި އުމުރުން 37 އަހަރުގެ ޑްރައިވަރު ވަނީ މެތަމްފެޓަމިން (މަސްތުވާތަކެތި) އަށް ޕޮޒިޓިވް ވެފައެވެ.
މި މައްސަލައާ ގުޅިގެން އެ ޑްރައިވަރު ޝާހް އަލަމްގެ ފަސްޓް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު ފުރިހަމަކުރުމަށްޓަކައި އޭނާގެ ބަންދަށް ވަނީ 4 ދުވަހުގެ މުއްދަތެއް ދީފައެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދަނީ އެ ގައުމުގެ ރޯޑް ޓްރާންސްޕޯޓް އެކްޓްގެ ދަށުންނެވެ.
މެލޭޝިޔާ ފުލުހުން ވަނީ މި އެކްސިޑެންޓް ލޮލުން ދުށް އެއްވެސް ފަރާތެއް ވާނަމަ ނުވަތަ ޑޭޝްކޭމް (ކާރުގެ ކެމެރާ) ފުޓޭޖެއް ލިބިފައިވާނަމަ، އެ މައުލޫމާތެއް ފުލުހުންނާ ހިއްސާކުރުމަށް އެދިފައެވެ. އެގޮތުން ސުބަންގް ޖާޔާ ޑިސްޓްރިކްޓް ޓްރެފިކް އިންވެސްޓިގޭޝަން ޔުނިޓުގެ އިންސްޕެކްޓަރ އަޒީޒުލް ހަކީމްގެ ފޯނު ނަންބަރު 011-28914495 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.