ރާއްޖޭގެ ސަރުކާރުގެ އިދާރާތަކާއި އެކި މުއައްސަސާތަކަށް އަމާޒުކޮށް، އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީސޮކް) އިން ހާމަކުރި ގޮތުގައި، މި ހަރަކާތްތަކަކީ ވަކި އަމާޒެއް ކަނޑައަޅައިގެން ރޭވިގެން ކުރިއަށްގެންދާ ނުރައްކާތެރި ކެމްޕެއިނެކެވެ. މިގޮތުން ފޮނުވާ އީމެއިލްތައް ފަރުމާކޮށްފައި ހުންނަނީ ދަންނަ ފަރާތްތަކުން ނުވަތަ އިތުބާރު ހިފޭ ރަސްމީ އިދާރާތަކުން ފޮނުވާ ސައްހަ ލިޔެކިޔުންތަކާއި، ރަސްމީ ދައުވަތު ނުވަތަ ފައިލް ޝެއަރިންގ ލިންކުތަކެއްގެ ގޮތުގައެވެ.
ސީސޮކުން އިންޒާރު ދޭ ގޮތުގައި، މިފަދަ އޮޅުވާލުންތަކުގެ މަޅީގައި ޖެހި، އީމެއިލްތަކުގައިވާ ލިންކުތަކާއި ފައިލްތައް ހުޅުވައިފިނަމަ ބޭނުންކުރާ ފަރާތުގެ ޔޫޒަރނޭމާއި ޕާސްވޯޑް ފަދަ މުހިންމު ސިއްރު މައުލޫމާތުތައް ހެކަރުންގެ އަތްދަށަށް ދިއުމުގެ ފުރުސަތު ބޮޑެވެ. އަދި މީގެ ސަބަބުން މުޅި މުއައްސަސާގެ ކޮމްޕިއުޓަރު ސިސްޓަމްތަކަށާއި ނެޓްވޯކަށް ހުއްދަނެތި ވަދެ، ނިޒާމު އެއްކޮށް ހަލާކުކޮށްލުމުގެ ނުރައްކާ އޮވެއެވެ.
މި މައްސަލައާ ގުޅިގެން ސީސޮކުން ދަނީ މި ހަރަކާތްތައް ވަރަށް ގާތުން މޮނިޓަރކޮށް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ނުރައްކާތެރި ވެބްސައިޓްތަކާއި ނެޓްވޯކްތައް ބްލޮކް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މި މައްސަލައިގެ ޓެކްނިކަލް އެނަލިސިސްއާއި ތަހުގީގު ވެސް ފުލުހުން މިހާރު ދަނީ ހިންގަމުންނެވެ.
މިފަދަ ސައިބަރ ހަމަލާތަކުން ރައްކާތެރިވުމުގެ ގޮތުން ފުލުހުން ވަނީ މުހިންމު ފިޔަވަޅުތަކެއް އެޅުމަށް އިރުޝާދު ދީފައެވެ. އޭގެ ތެރޭގައި:
- ސައްހަކަން ކަށަވަރު ނުވާ ލިންކުތަކާއި އެޓޭޗްމަންޓްތައް ނުހުޅުވުން.
- ދަންނަ ފަރާތަކުން ފޮނުވި ނަމަވެސް، ޝައްކު އުފެދޭ ކަމަކަށް އެދިފައިވާނަމަ އެހެން ވަސީލަތެއް (މިސާލަކަށް ފޯނު ކޯލެއް) މެދުވެރިކޮށް ކަށަވަރުކުރުން.
- އީމެއިލް ލިންކުތަކުން ހުޅުވޭ ޕޭޖުތަކުގައި ޔޫޒަރނޭމާއި ޕާސްވޯޑް ނުޖެހުން.
- އެކައުންޓްތަކުގައި 'މަލްޓި-ފެކްޓަރ އޮތެންޓިކޭޝަން' ބޭނުންކުރުމާއި، ސިސްޓަމްތަކާއި އެޕްލިކޭޝަންތައް އަބަދުވެސް އަޕްޑޭޓްކޮށް ބެހެއްޓުން.
- ޝައްކުކުރެވޭ އީމެއިލެއް ލިބިއްޖެނަމަ އޮފީހުގެ އައިޓީ ޓީމަށް ވަގުތުން އެންގުން، އަދި ނުރައްކާތެރި ލިންކެއް ހުޅުވިއްޖެނަމަ ވަގުތުން ކޮމްޕިއުޓަރު ނެޓްވޯކުން ވަކިކޮށް އެހީތެރިކަން ހޯދުން.
ފުލުހުން ފާހަގަކުރި ގޮތުގައި ސައިބަރ ހަމަލާތަކުން ދިފާއުވުމަށް އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅަކީ އާންމުންނާއި މުވައްޒަފުންގެ ހޭލުންތެރިކަމެވެ. މި މައްސަލައާ ގުޅޭ އިތުރު ޓެކްނިކަލް މައުލޫމާތު ފުލުހުންގެ ސައިބަރ ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.