މުދައްރިސްކަމުގެ ފަންނު ކުރިއެރުވުމަށް ބެލެނިވެރިންނާއި މުޅި މުޖުތަމަޢުގެ ބައިވެރިވުން މުހިންމު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ. މި މަސައްކަތުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ޝަފީއު ގޮވާލެއްވިއެވެ. އަދި ކޮންމެ މީހެއްގެ އަޒުމަކަށް ވާންވާނީ މުދައްރިސުކަމުގެ ފަންނު ހިމާޔަތްކުރުމާއި، އެ ފަންނުގެ ގަދަރު ހިފެހެއްޓުމަށް މުދައްރިސުންނާއެކު ސާބިތުވެ ތިބުން ކަމަށާއި މި ސާބިތުކަމުގެ މަތީގައި ތިބެ، ސްކޫލުތަކުގައި ދެވޭ ތަޢުލީމާއި ތަރުބިއްޔަތު އިތުރަށް ހަރުދަނާކުރުމަށް އެންމެން ގުޅިގެން ކުރާ މަސައްކަތްތައް އިތުރުކުރަންޖެހޭ ކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ.
ޑރ. ޝަފީއު ވިދާޅުވީ، އިލްމީ، ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމަށްޓަކައި މުދައްރިސުން އަދާކުރާ މަތިވެރި ގުރުބާނީގެ އަގުވަޒަންކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
"މުޖުތަމަޢުގައި މުދައްރިސުންނަށް ލިބިދޭން ޖެހޭ ގަދަރާއި އިހްތިރާމު މަތިކޮށް، މުދައްރިސްކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން،" ޝަފީއު ވިދާޅުވިއެވެ.
މިގޮތުން، މުދައްރިސުންނަށް ބޭނުންވާ ޒަމާނީ އަދި ފަންނީ ތަމްރީނުތައް ފޯރުކޮށްދީ، މުދައްރިސުންނާއި ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި، ސްކޫލުތަކުގެ މާހައުލަކީ ރައްކާތެރި، އުފާވެރި ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި މި މަސައްކަތްތައް އިތުރު ހަރުފަތްތަކަށް ގެންދިއުމުގައި މިނިސްޓްރީ ދެމިއޮންނާނެ ކަމަށް ޔަގީންކަން ދެއްވިއެވެ.
ޝަފީއު އިތުރަށް ވިދާޅުވީ، މުދައްރިސުންނަކީ ޝަރަފާއި، އިއްޒަތާއިއެކު ގައުމީ ވަރަށް ބޮޑު ވާޖިބެއް އަދާކުރާ ބައެއް ކަމަށެވެ.
"ދަރިވަރުންގެ ދެވަނަ ބެލެނިވެރިންގެ ދައުރު އަދާކުރުމުގެ ބުރަ މަސްއޫލިއްޔަތު އުފުލާ ފަރާތަކީ މުދައްރިސުން. އެހެންކަމުން މުދައްރިސުންނަކީ ދަރިވަރުންނާއި ބެލެނިވެރިންގެ ހިތުގައި ހާއްސަ ޝަރަފަކާއި ގަދަރެއް ދެވިފައިވާ ބަޔަކަށް ހަދަންޖެހޭ،" ޝަފީއު ވިދާޅުވިއެވެ.
ކޮންމެ މުދައްރިސެއްގެ ވެސް އަޒުމަކަށް ވާންވާނީ، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން، ދަރިވަރުންގެ ހިތްތަކުގައި އުނގެނުމަށް ލޯބިޖައްސުވާ، ދިރިއުޅުމަށް ތައްޔާރުވެފައިވާ، ޒިންމާދާރު، އަހުލާގު ރަނގަޅު ދަރިވަރުންތަކެއް ބިނާ ކުރުމަށް މަސައްކަތްކުރުން ކަމަށް ޝަފީއު ހަނދާންކޮށްދެއްވިއެވެ. އެކަމަށްޓަކައިި އަމިއްލަ ފަންނީ ކުރިއެރުމަށް މަސައްކަތްކުރާ، ޓެކްނޮލޮޖީ އާއި ޒަމާނީ ބަދަލުތަކަށް އަހުލުވެރި އަދި އުނގަންނައި ދިނުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އަބަދުވެސް ތައްޔާރަށް ތިބުމަށް މިނިސްޓަރު އެދިލެއްވިއެވެ.