MTCC

ޓެކްނޮލޮޖީގެ ބަދަލުތަކާއެކު މުދައްރިސުންގެ ހުނަރު ތަރައްޤީކުރަންޖެހޭ: މެޑަމް ސާޖިދާ

818063839_862927396810876_7184750187695672231_n

ޓެކްނޮލޮޖީގެ ބަދަލުތަކާއެކު މުދައްރިސުންގެ ހުނަރު ތަރައްޤީކުރަންޖެހޭ: މެޑަމް ސާޖިދާ

SHARE

މިއަދުގެ ދުނިޔެއަށް އަންނަމުންދާ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު، އުނގަންނައިދިނުމުގެ ދާއިރާއިން އެދުރުންނަށް އިތުރު ފުރުސަތުތަކާއި ތަމްރީނުތައް ފަހިކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހާ ގުޅުވައިގެން، ކުރެއްވި ޓުވީޓެއްގައި ފަސްޓް ލޭޑީ ވަނީ، ޒަމާނީ ތައުލީމީ ވައްޓަފާޅިއަށް މުދައްރިސުން ހޭނުވުމަށާއި އެ ބޭފުޅުން ބާރުވެރިކުރުވުމަށް ޚާއްސަ އިސްކަމެއް ދިނުމަށް ގޮވާލައްވާފައެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، ޒަމާނަށް އަންނަ އޮއިވަރާއެކު ކިޔަވައިދިނުމުގެ ވައްޓަފާޅި ބަދަލުވަމުންދާއިރު، އެކަންކަމާ ކުރިމަތިލުމަށް މުދައްރިސުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން، ދަރިވަރުންނަށް އެންމެ ފުރިހަމަ ތަޢުލީމު ފޯރުކޮށްދެވޭނީ ޒަމާނީ ވަސީލަތްތަކަށް އަހުލުވެރި، ތަމްރީނު ލިބިފައިވާ މުދައްރިސުން ތިބެގެން ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ހަމައެއާއެކު، ޤައުމު ބިނާކުރުމުގެ މައިބަދައަކީ ހަރުދަނާ ޖީލެއް އުފެއްދުން ކަމަށްވާއިރު، ދަރިވަރުންގެ ކިބައިގައި ރިވެތި އާދަތަކާއި އަޚްލާޤު އަށަގެންނެވުމުގައި މުދައްރިސުން ވެވަޑައިގަންނަވާ ޤުރުބާނީ ފާހަގަކުރައްވައި އެކަމަނާ ވަނީ ތަޢުރީފު ކުރައްވާފައެވެ. އަދި މުދައްރިސުން ފޯރުކޮށްދެއްވާ މިންނެތް ޚިދުމަތުގެ ފައިދާ، މުޅި މުޖުތަމަޢުގެ ކުރިމަގުން ފެންނަމުންދާނެކަން ބަޔާންކުރައްވައި، ހުރިހާ އެދުރުންނަށް އެކަމަނާ އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.