MTCC

މާލޭގެ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދުމަށް ޚާއްސަ ބަސްތަކެއް ތައާރަފްކުރަނީ

qw-12-e1791135097322

މާލޭގެ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދުމަށް ޚާއްސަ ބަސްތަކެއް ތައާރަފްކުރަނީ

SHARE

މާލެ ސަރަހައްދުގެ މަގުތައް ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ޕީކް ގަޑިތަކަށް ޚާއްސަ ބަސްތަކާއި ސްކޫލް ދަރިވަރުންނަށް ޚާއްސަ ބަސް ދަތުރުތަކެއް ފެށުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަކަން ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވީ އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދެވެ. ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ބޭއްވި "އަހާ" ފޯރަމުގައި ވާހަކަދައްކަވަމުން ސަޢީދު ވިދާޅުވީ، މާލޭގެ މަގުތަކުގެ ޖާގައަށްވުރެ ބޮޑަށް އުޅަނދުތައް ގިނަވެފައިވާ ކަމަށެވެ. އެގޮތުން މި ސަރަހައްދުގައި އެއްލައްކަ ތިރީސް ހާހަށްވުރެ ގިނަ އުޅަނދު މިހާރުވެސް ރަޖިސްޓްރީ ކުރެވިފައިވާކަން ފާހަގަކުރައްވަމުން، ވެހިކަލް އެތެރެކުރުން ކޮންޓްރޯލްކޮށް، އާންމު ދަތުރުފަތުރުގެ ނިޒާމަށް ރައްޔިތުން ބަރޯސާވާ މިންވަރު އިތުރުކުރުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތު ކަމަށް ވިދާޅުވިއެވެ.

މި ސިޔާސަތުގެ ދަށުން، ޓްރެފިކް އެންމެ ބޮޑުވާ ވަގުތުތަކުގައި ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 އިން މާލެއަށް ދަތުރުކުރާނެ ޚާއްސަ ބަސްތަކާއި، ސްކޫލް ކުދިންނަށް ފަސޭހަވާނެހެން "ސްކޫލް ފްރެންޑްލީ" ބަސްތައް ތައާރަފްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

"އަޅުގަނޑުމެން މި ގަސްތުކުރަނީ ސްކޫލްތަކަށް ދަތުރުކުރާ ސްކޫލް ފްރެންޑްލީ ބަސްތަކެއް ތަޢާރަފްކުރުމަށްވެސް" ސައީދު ވިދާޅުވިއެވެ.

އަދި ޓްރެފިކް ނިޒާމު ހަރުދަނާކޮށް ބެލެހެއްޓުމަށްޓަކައި ޚާއްސަ މިނިވަން އޮފީހެއް އުފައްދައި، އެ ތަނުގެ އަމަލީ މަސައްކަތްތައް ފަށާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މަގުތަކުގައި ޓްރެފިކް ލައިޓްތައް ހަރުކުރުމާއި، މަގުމަތީގައި ފުލުހުންގެ ވިޒިބިލިޓީ އިތުރުކުރުމާއި، ވަކި ސީސީތަކަކުން ނަގާ ފީތަކާ ގުޅޭގޮތުންނާއި މާސް ޓްރާންސްޕޯޓް މޮބިލިޓީ ޕްލޭންގެ ދަށުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ރޭވިފައިވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން، މާލޭގެ ރިންގް ރޯޑް ނުވަތަ ބޭރު މަގުގެ ތަރައްޤީގެ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ، ސަރުކާރުން އަޅަމުންދާ މި ފިޔަވަޅުތަކާއެކު ކުރިއަށްއޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ވެރިރަށް މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.