ރައްޔިތުންނަށް ސީދާ މާލީ މަންފާ ލިބޭ ގޮތަށް ސަރުކާރުން 10 ރިސޯޓެއް ތަރައްގީކުރުމަށް ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލެއް ގެނުވާނެ ކަމެއް ކަމަށް، މި ދާއިރާގެ ތަޖުރިބާކާރު ވިޔަފާރިވެރިޔާ އަދި ކްރައުން ކުންފުނީގެ ޗެއާޕާސަން ހުސައިން އަފީފު (ޗަމްޕާ އަފީފު) ވިދާޅުވެއްޖެއެވެ.
ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން އަފީފު ވިދާޅުވީ، ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ވަރަށް އުންމީދީ އަދި ކާމިޔާބުވާނެ މަސައްކަތެއް ކަމަށެވެ. އަދި އަމިއްލަ ގޮތުން ވެސް މި މުހިންމު މަޝްރޫއުގައި ބައިވެރިވެ، އެއްބާރުލުން ދެއްވަން ބޭނުންފުޅުވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ބިންގާ އެޅުމުގައި އިސް ދައުރެއް އަދާކުރެއްވި އަފީފު އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި މި ސިނާއަތް ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކަކީ ދައުލަތާއި އަމިއްލަ ވިޔަފާރިވެރިން ގުޅިގެން ކުރި އިހުލާސްތެރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި ކުރިމަގުގައި ވެސް ފަތުރުވެރިކަން އިތުރު އުސްމިންތަކަކަށް ގެންދެވޭނީ، މާޒީގެ ތަޖުރިބާތަކުން އިބުރަތް ހާސިލުކޮށް، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި ސިނާއަތުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށް ވިދާޅުވެ، އަފީފު ވަނީ އެ ފަރާތްތަކަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި 10 ރިސޯޓު ހެދުމުގެ ޕްލޭން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ފަތުރުވެރިކަމުން ލިބޭ ނަފާ ސީދާ ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އެގޮތުން، ދިވެހި ކޮންމެ ރައްޔިތަކީ މި ރިސޯޓުތަކުގެ ހިއްސާދާރެއްގެ ގޮތުގައި ގާނޫނީ ގޮތުން ކަނޑައަޅައި، އަހަރަކު މަދުވެގެން 400 އެމެރިކާ ޑޮލަރުގެ ފައިދާއެއް ކޮންމެ ރައްޔިތެއްގެ އެކައުންޓަށް ޖަމާކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ.