ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރު ނުވަތަ "ވިޒިޓް މޯލްޑިވްސް އިޔާ"ގެ ގޮތުގައި އަންނަ އަހަރު ފާހަގަކުރުމަށްޓަކައި ހިންގުމަށް ހަމަޖެހިފައިވާ ހާއްސަ ގައުމީ ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި ކެމްޕެއިން އިފްތިތާހުކޮށްފައިވަނީ މިއަހަރުގެ ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ކެމްޕެއިން ރަސްމީކޮށް ފައްޓަވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ޗެއަރޕާސަން، ނިޝާން އިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ހުސައިން އަފީފެވެ.
މި ރަސްމިއްޔާތުގައި ކެމްޕެއިންގެ ރަސްމީ ބްރޭންޑިންގ އާއި ލޯގޯގެ އިތުރުން ރަސްމީ ލަވަވެސް ވަނީ ދައްކާލާފައެވެ. އަންނަ އަހަރަކީ ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވާކަން އެންމެ ފުރަތަމަ އިޢުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު މުހައްމަދު އަމީން ވިދާޅުވީ، މިއީ މުޅި ޤައުމު އެކުއެކީގައި ބައިވެރިވާންޖެހޭ މުހިންމު ކެމްޕެއިނެއް ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށަކާއި ރިސޯޓުތައް ހިމެނޭހެން، ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކުގެ އެއްބާރުލުމާއި ބައިވެރިވުން މި ކެމްޕެއިނަށް އިންތިހާއަށް ބޭނުންވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ވަނީ އަންނަ އަހަރު ދިނުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ޓޫރިޒަމް އެވޯޑުގެ ދާއިރާތަކަށް ގެނެވުނު މުހިންމު ބަދަލުތައްވެސް ހާމަކޮށްފައެވެ. 2022 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި އެވޯޑު މީގެކުރިން ޚާއްސަކޮށްފައިވަނީ ހަމައެކަނި ޚިދުމަތްދޭ ތަންތަނަށް (ރިސޯޓު، ހޮޓާ، ގެސްޓްހައުސް އަދި ސަފާރީ ފަދަ ތަންތަނަށް) ނަމަވެސް، ޚިދުމަތް ދިނުމުގައި ޝާމިލްވާ ފަރާތްތަކާއި އެކަމަށް ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، އަންނަ އަހަރުން ފެށިގެން 4 މައިގަނޑު ދާއިރާއަކުން އެވޯޑު ދިނުމަށް ވަނީ ނިންމާފައެވެ.
އެގޮތުން އަލަށް ކަނޑައެޅުނު 4 ދާއިރާއަކީ:
- އިންސާނީ ވަސީލަތް ބިނާކުރުން: މުވައްޒަފުންގެ ދުޅަހެޔޮކަން، ތަމްރީނާއި ތަރައްޤީ އަދި އަންހެނުން ބާރުވެރިކުރުވުން.
- ދެމެހެއްޓެނިވިކަން: ތިމާވެށި ރައްކާތެރިކުރުން، އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރިވުން އަދި ސަޤާފަތާއި ތަރިކަ ދިރުވައި އާލާކުރުން.
- ފަތުރުވެރިންގެ ތަޖުރިބާ: ޓްރެވަލް އޭޖެންސީތަކާއި، އެކޮމޮޑޭޝަން އަދި މޫދު ކުޅިވަރުތަކުގެ ޚިދުމަތްތަކުގެ އިތުރުން ރަށު ކައުންސިލްތަކަށް ޚާއްސަކޮށްގެން އަލަށް ތައާރަފްކުރި ރަށްރަށުގެ އެވޯޑު.
- ފަރުދީ ކާމިޔާބީތައް: ޓުއަރ ގައިޑުންނާއި، މަންޒިލް އިޝްތިހާރުކުރުމާއި އީޖާދީ މަސައްކަތްތައް ކުރާ ފަރާތްތަކުގެ އިތުރުން މި ދާއިރާއިން ކުރިއަރަމުން އަންނަ އައު ލީޑަރުންނަށް ދެވޭ އެވޯޑުތައް.
ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި، މި އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި (ފުރަތަމަ ކުއާޓަރުގައި) ޢާންމުކޮށް ހުޅުވާލެވޭނެއެވެ.