ރާއްޖޭގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަން (އެޗްއާރްސީއެމް) ގެ މެންބަރުކަމުގެ މަގާމަށް، ކުރިން އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި ހ. މީނާޒް، ޝަމްއޫން ހަމީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި، ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި ޝަމްއޫން ކުރެއްވުމުން، މަގާމުގެ ލިޔުން ރައީސް ވަނީ އޭނާއަށް އަރުވާފައެވެ. މި ރަސްމިއްޔާތުގައި ޝަމްއޫނަށް ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
ޝަމްއޫން ހަމީދަކީ އެޗްއާރްސީއެމްގައި މީގެކުރިން ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2010 އިން 2012 އަށް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިރެކްޓަރުކަން ކުރެއްވިއިރު، 2012 އިން 2016 އަށް ހުންނެވީ އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ. މީގެއިތުރުން ޔޫޕީއާރް ރިޕޯޓު ކުރުމުގެ ފޯކަލް ޕޮއިންޓެއްގެ ގޮތުންނާއި، ކުޑަކުދިންގެ ހައްގުތަކާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތައުލީމާ ގުޅޭ ގައުމީ ދިރާސާތަކުގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.
އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރެއްވުމާ ހަމައަށް ޝަމްއޫން އަދާކުރައްވަމުން ގެންދެވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޕާމެނެންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމެވެ.