މާލޭގެ އަމީނީ މަގު އަލުން ޒަމާނީ ފެންވަރަކަށް މަރާމާތު ކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން، ފުރަތަމަ ދެ ސެގްމެންޓުގެ މަސައްކަތް އެއްކޮށް ނިންމައި އާންމު ދަތުރުފަތުރަށް ހުޅުވާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގެ ތެރެއިން ރޭ ހުޅުވާލާފައިވަނީ ފުޑްކޯޓް ސަރަހައްދެވެ. އެގޮތުން، ފުރަތަމަ ސެގްމެންޓުގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަހައްދާއި، ދެވަނަ ސެގްމެންޓުގެ ގޮތުގައި ހިމެނޭ އަޑު ކުރިމަތީ އޮންނަ ހަތަރުއަނގޮޅި ކަންމަތީގައި ތާރުއެޅުމުގެ މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ.
އަމީނީ މަގު އަލުން މަރާމާތުކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އަމަލީ މަސައްކަތް ސެގްމެންޓްތަކަކަށް ބަހާލައިގެން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ.
މިދިޔަ ސަރުކާރުން 84.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އަމީނީ މަގުގެ 1.79 ކިލޯމީޓަރުގެ ސަރަހައްދުގައި ތާރުއަޅައި ނިންމި ނަމަވެސް، މަދު ދުވަސްކޮޅެއްގެ ތެރޭގައި މަގުގެ އެކި ހިސާބުތަކުން ތާރުގަނޑު އުފުލި، ބޮޑެތި ވަޅުގަނޑުތައް ހެދިގެން ދިޔައެވެ. ޚާއްސަކޮށް ހުޅަނގު ފަރާތުގެ ސަރަހައްދު ވަރަށް ބޮޑަށް ހަލާކުވެ، އެ މަގުން ދަތުރުކުރާ އާންމު ރައްޔިތުންނަށް ދުއްވުމުގައި ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
ފަންނީ މާހިރުން ފާހަގަކުރާ ގޮތުގައި ކުރީގެ މަޝްރޫޢުގައި މަގު އެހާ އަވަހަށް ހަލާކުވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ތާރު އެޅުމަށްފަހު އެކަށީގެންވާ ވަރަށް ހިކުމުގެ ފުރުސަތު ނުދީ އަވަސްއަރުވާލައިގެން ބަރު އުޅަނދުތަކަށް މަގު ހުޅުވާލުމެވެ. އެހެންކަމުން މިފަހަރުގެ މަރާމާތުގައި މިފަދަ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ފެންވަރު ރަނގަޅުކޮށް މަސައްކަތް ނިންމުމަށް ސަރުކާރުން ވަނީ އިސްކަންދީފައެވެ.