MTCC

އެފްޑީސީގެ 500 އަށްވުރެ ގިނަ ފްލެޓުން ގަވާއިދުން ކުލި ނުދައްކާ

images

އެފްޑީސީގެ 500 އަށްވުރެ ގިނަ ފްލެޓުން ގަވާއިދުން ކުލި ނުދައްކާ

SHARE

ހުޅުމާލޭގައި ސަރުކާރުން ތަރައްގީކޮށްފައިވާ ސޯޝަލް ހައުސިން މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގެ ތެރެއިން 500 އަށްވުރެ ގިނަ އެޕާޓްމަންޓުން އެއްބަސްވުމާ އެއްގޮތަށް ގަވާއިދުން ކުލި ނުދައްކާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.

އެފްޑީސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަޝްރޫއުގެ ގިނަ ފަރާތްތަކުން މަހުން މަހަށް ގަވާއިދުން ކުލި ދައްކަމުން ގެންދެއެވެ. އެގޮތުން މިހާތަނަށް 3،362 ޔުނިޓަކުން ގަވާއިދުން ފައިސާ ދައްކަމުން އަންނައިރު، ކުލި ނުދައްކާ ހުރީ 564 ޔުނިޓެކެވެ. ސޯޝަލް ހައުސިންގެ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، އެއްބަސްވުމާ އެއްގޮތަށް ހުރިހާ ފަރާތްތަކުންވެސް ގަވާއިދުން ފައިސާ ދެއްކުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުލީގެ އިތުރުން، އެ އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ފަރާތުން އުސޫލުތަކާ ޚިލާފުވާ ބައެއް މައްސަލަތައްވެސް ފާހަގަކުރެވެމުންދާ ކަމަށް އެފްޑީސީން ބުނެއެވެ. އޭގެ ތެރޭގައި އަވަށްޓެރިންނަށް އުނދަގޫވާ ގޮތަށް އަޑުގަދަކުރުމާއި އިމާރާތުގެ އާންމު ގަވާއިދުތަކާ ޚިލާފުވުމުގެ ޝަކުވާތައް ހިމެނެއެވެ.

މިގޮތުން އަޑުގަދަކޮށްގެން ހުށަހެޅުނު ދެ މައްސަލައެއް ބަލައި މިހާރު ނިންމާފައިވާއިރު، އެފްޑީސީން އަންގާ ރަސްމީ އެންގުންތަކަށް އިޖާބަ ނުދިނުމުގެ ސަބަބުން އިތުރު ދެ މައްސަލައެއްގެ ތަހުގީގު މިހާރުވެސް ދަނީ ކުރިއަށެވެ.

އެފްޑީސީން ފާހަގަކުރި ގޮތުގައި، އެ ކޯޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ފްލެޓްތަކުގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް އަމާން، ރައްކާތެރި އަދި ހިތްފަސޭހަ ދިރިއުޅުމުގެ މާހައުލެއް ކަށަވަރުކޮށްދިނުމެވެ. އެހެންކަމުން މިފަދަ ކަންކަން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ ކަމަށާއި، ކަނޑައެޅިފައިވާ ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، އެންމެންގެ އެއްބާރުލުން ދިނުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.