MTCC

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ ސާބިތު ބައިވެރިއެއް: ރައީސް

maldives-china

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ ސާބިތު ބައިވެރިއެއް: ރައީސް

SHARE

ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ އެންމެ މުހިންމު އަދި އެންމެ ސާބިތު ބައިވެރިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާގެ 77 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގ އަށާއި، ސަރުކާރަށާއި ރައްޔިތުންނަށް ރައީސް ވަނީ ހޫނު މަރުޙަބާ އާއި ތަހުނިޔާ ފޮނުއްވާފައެވެ. ރައީސް ޑރ. މުޢިއްޒުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތީ އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިހްތިރާމާއި، އިތުބާރާއި، ތަރައްޤީއާއި ފާގަތިކަމަށް ގެންގުޅޭ އެއްގޮތް ވިސްނުމެއްގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ އަދި ދެމެހެއްޓެނިވި އެކުވެރިކަމެކެވެ.

މީގެއިތުރުން، ޗައިނާއަކީ އަބަދުވެސް ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ސާބިތުކަމާއެކު ދެމިއޮތް ބައިވެރިއެއްކަމަށާއި، ދެ ޤައުމުގެ ގުޅުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ފައިދާހުރި ގިނަ ފުރުޞަތުތަކެއް ލިބެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުރިމަގަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި ޤާއިމުކޮށްފައިވާ "ކޮމްޕްރެހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް" އިތުރަށް ހަރުދަނާކޮށް، ދޭދޭ ގުޅުން އާ އުސްމިންތަކަކަށް ގެންދިއުމަށް ރާއްޖެއިން އަބަދުވެސް ފުރިހަމައަށް މަސައްކަތްކުރާނެ ކަމަށެވެ.

ރައީސް ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން ދުވަހެއް ދުވަހަކަށް ބަދަހިވެގެން ދިއުމަށާއި، ޗައިނާއަށް އިތުރު ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައެވެ.