މާލޭގެ އަމީނީ މަގު ޒަމާނީ ފެންވަރަކަށް މަރާމާތުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ދެވަނަ ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އަމީނީ މަގުގައި ކުރިން އަޅާފައިވާ ތާރުފަށަލަ ހަލާކުވުމާ ގުޅިގެން އެ މަގު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މަސައްކަތް އަވަސްކުރުމަށްޓަކައި އެކި ސެގްމަންޓްތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގައި، އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައިވާ ޕާކާ ހަމައަށް ހިމެނޭ ފުރަތަމަ ސެގްމަންޓުގެ ތާރުއެޅުމުގެ ހުރިހާ މަސައްކަތެއް މި މަހުގެ 15 ވަނަ ދުވަހު ވަނީ ނިންމާފައެވެ.
ފުރަތަމަ ސެގްމަންޓަށްފަހު، މި މަހުގެ 23 ގައި ދެވަނަ ސެގްމަންޓުގެ މަސައްކަތް ފަށައި، ކުރިން ހަލާކުވެފައި އޮތް ތާރުގަނޑު އެއްކޮށް ނެގުމަށްފަހު މިހާރު ވަނީ އަލުން ތާރުއަޅައި ނިންމާފައެވެ. މަގުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން މިފަހަރު ތާރު އަޅަމުންދަނީ ދެ ފަށަލައަށެވެ.
ފަންނީ މާހިރުން ވިދާޅުވާ ގޮތުގައި ކުރިން އެ ސަރަހައްދުގެ ތާރުގަނޑު އަވަހަށް ހަލާކުވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ތާރު އެޅުމަށްފަހު އެކަށީގެންވާ ވަރަށް ނުހިކެނީސް ބަރު އުޅަނދުތަކާއި ބަސްތައް ދަތުރުކުރުމަށް މަގު ހުޅުވާލުމެވެ. މީގެއިތުރުން ރާއްޖޭގެ ހޫނުމިން މަތިވުމުގެ ސަބަބުން ވެސް ތާރުގަނޑަށް ގެއްލުން ލިބުނެވެ.
މިކަންކަމަށް ރިޢާޔަތްކޮށް މިހާރު ކުރިއަށްދާ މަސައްކަތުގެ ތެރެއިން، ފުރަތަމަ ފިޔަވަހީގެ މަގުމަތީގެ ނިޝާންތައް ކުރެހުމާއި ޔުޓިލިޓީ ޖަންކްޝަންތައް އެއްވަރުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ނިންމައި، ވަރަށް އަވަހަށް އާންމު ދަތުރުފަތުރަށް އެ ސަރަހައްދު ހުޅުވާލުމަށް އެމްޓީސީސީން ދަނީ މަސައްކަތް ކުރަމުންނެވެ.