MTCC

ހުޅުމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ އެތްލެޓިކްސް ޓްރެކެއް އަޅަނީ

large_thumb_1790538084306

ހުޅުމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ އެތްލެޓިކްސް ޓްރެކެއް އަޅަނީ

SHARE

ހުޅުމާލޭގައި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް އައު ސިންތެޓިކް އެތުލެޓިކްސް ޓްރެކެއް އެޅުމުގެ އަމަލީ މަސައްކަތް އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ ޕީއެސްއެމްގެ "އަހާ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ފިޓްނެސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.

މިނިސްޓަރު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އެޅި ޓްރެކްގެ ސިންތެޓިކް ފަށަލަ ބޮޑުތަނުން ހަލާކުވެފައިވާތީ، ކުޅުންތެރިންނަށް ފަރިތަކުރުންތަކުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި މިހާރު އޮތް ޓްރެކަކީ ދުނިޔޭގެ އެތުލެޓިކްސްގެ މައި އިދާރާ (ވޯލްޑް އެތުލެޓިކްސް) އިން ބަލައިގަންނަ ފެންވަރުގެ ތަނަކަށް ނުވާތީ، ދިވެހި އެތުލީޓުން އެ ޓްރެކުގައި ހަދާ ޤައުމީ ރެކޯޑުތަކާއި ހޯދާ ވަގުތުތައް ބައިނަލްއަޤްވާމީ ގޮތުން ރަސްމީކޮށް ބަލައިނުގަނެވޭ މައްސަލަ ވެސް އޮތް ކަން ރާފިއު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ސިންތެޓިކްގެ މެޓީރިއަލް އެއްކޮށް ބަދަލުކޮށް އިރާދަކުރެއްވިއްޔާ މުޅި އެއްކޮށް ބޭސް ނަގާ އަލުން ޓްރެކެއް އަޅަން މި ޖެހެނީ. އަދި އަޅުގަނޑުމެން އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދާނެ." ރާފިއު ވިދާޅުވިއެވެ.

އެހެންކަމުން، މިހާރު އޮތް ސިންތެޓިކް ސަރފޭސް އެއްކޮށް ބަދަލުކޮށް، ދުނިޔޭގެ ފެންވަރުގެ މިންގަނޑުތަކަށް ފެތޭ ގޮތަށް އައު ޓްރެކެއް އެޅުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އަންނަ މަހުގެ ފުރަތަމަ ދުވަހު މި މަސައްކަތް ފަށައި، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ވެރިރަށް މާލޭގައި މިހާރު ބޭނުންކުރަމުން އަންނަ ސިންތެޓިކް ޓްރެކް ވެސް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކޮށް ޒަމާނީ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.