ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ރާއްޖޭގައި އިންތިޒާމުވެގެން ހިންގާ ގޭންގު ކުށްތައް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، މިހާރުވެސް ގޭންގުތަކުގެ އިސް 10 ލީޑަރެއްގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާން މިހެން ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބޭއްވި "އަހާ" ފޯރަމުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މާޒީގައި ގޭންގު މާރާމާރީތަކުގައި އަހަރަކު 2 އާއި 5 އާ ދެމެދުގެ އަދަދަކަށް ޒުވާނުން މަރުވަމުން ދިޔަ ނަމަވެސް، ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހު އެފަދަ ހާދިސާއެއްގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައެއް ނުވެއެވެ.
"ނަތީޖާއަކީ މިހާރު ކުރިން ފަލަސުރުހީތަކުން ފެންނަ ގޮތަށް އެތަނުން ވަޅިޖަހައިފި، މިތަނުން ތަޅާމަރަނީ މިވާހަކަތައް މަދުވާނެ މިހާރު. އަދި އަޅުގަނޑުމެންގެ ސަރުކާރުގައި ފާއިތުވި ތިން އަހަރެއްހައި ދުވަހުގެ ތެރޭގައި އަދި އެއްވެސް ދިވެހި ރައްޔިތެއްގެ ފުރާނަ ގޭންގު މާރާމާރީގައި ގެއްލިފައިނުވާނެ،" އިހުސާން ވިދާޅުވިއެވެ.
ނިމިދިޔަ ޖޫން މަހުން ފެށިގެން ތަހުގީގު ކުރަމުންދާ 10 ގޭންގު ލީޑަރުންގެ މައްސަލައިގައި އައު ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުން މި މައްސަލައަށް އިތުރު ހައްލެއް ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުށުގެ ވެއްޓަށް ހުށަހެޅޭ ކުދިން އިސްލާހުކޮށް ތަރުބިއްޔަތު ކުރުމަށް ސަރުކާރުން ގާއިމުކުރާ "ހޯޕް އައިލެންޑް" އާއެކު މިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް ދާހިލީ ވަޒީރު އިހުސާން ފާހަގަކުރެއްވިއެވެ.
ގޭންގުތައް ހުއްޓުވުމަށް އެޅި މުހިންމު ފިޔަވަޅުތައް ހާމަކުރައްވަމުން އިހުސާން ވިދާޅުވީ، ކުށްކުރާ ގްރޫޕުތައް އެއްވެ އުޅޭ ސަރަހައްދުތަކުގައި ފުލުހުންގެ ހަރަކާތްތެރިވުން އިތުރުކޮށްފައިވާ ކަމަށެވެ. އަދި ކުށުގެ ވެށީގައި އުޅޭ ޒުވާނުންނަށް ރަނގަޅު މަގު އިހުތިޔާރުކޮށް، ވަޒީފާއާއި ވިޔަފާރީގެ ތެރެއިން މުޖުތަމައަށް އެނބުރި އައުމުގެ ފުރުސަތު ދިނުމުން، ގިނަ ޒުވާނުން އެ މަގު އިހުތިޔާރުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ފުލުހުން ހިންގި އޮޕަރޭޝަންތަކުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން އިހުސާން ވިދާޅުވީ 52 ހާއްސަ އޮޕަރޭޝަނެއް ހިންގައި، 10،000 އަށްވުރެ ގިނަ މީހުން ބަލައި ފާސްކުރެވުނު ކަމަށާއި ގޭންގު ކުށްތަކާ ގުޅުންހުރި 517 މީހަކު ހައްޔަރުކޮށް، 670 އުޅަނދު ޓޯކުރެވުނު ކަމަށެވެ. އަދި ކުޑަކުދިން ބޭނުންކޮށްގެން ކުށްކުރުވަން ގެންގުޅުނު 26 "ސޭފް ހައުސް" ބަންދުކޮށްފައިވާއިރު، ކުށުގެ ވެށީގައި ހަރަކާތްތެރިވި 212 ކުޑަކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ނަސޭހަތްދީ އާއިލާތަކާ ހަވާލުކުރެވުނު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.