މިއަހަރުގެ މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވާ އެންމެހައި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ހެޔޮއެދުންތަކާއި ކާމިޔާބީއަށް އެދިވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން "އެކްސް" މެދުވެރިކުރައްވައި ދެއްވި މެސެޖުގައި، ދަރިވަރުންގެ އިތުރުން އެ ކުދިންގެ ބެލެނިވެރިންނަށާއި މުދައްރިސުންނަށް ވެސް ވަނީ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ކުދިންގެ ކުރިމަގު ބައްޓަންކުރުމަށާއި، މަތީ ތައުލީމު ހާސިލުކުރާނެ ދާއިރާއެއް ކަނޑައެޅުމުގައި މަތީ ސާނަވީ އިމްތިހާނަކީ ވަރަށް މުހިންމު ހަރުފަތެއް ކަމަށެވެ. އަދި ދަރިވަރުން މި އިމްތިހާނަށް ވީ ތައްޔާރީތަކުގެ ހެޔޮ ނަތީޖާ ފެންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި، ފަސޭހަކަމާއެކު އިމްތިހާނުގައި ޖަވާބުދީ، ގައުމު ފަޚުރުވެރިވާފަދަ ރަން ވަނަތަކެއް ހޯދުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވީ، އިމްތިހާނު ހަދަމުންދާ ދަރިވަރުންނާމެދު މުޅި ގައުމު ކުރަނީ ވަރަށް ފޮނި އުންމީދުތަކެއް ކަމަށެވެ. އަދި ބެލެނިވެރިންނާއި ޓީޗަރުން އުފާވާނެ ފަދަ މޮޅު ނަތީޖާއެއް ހޯދައި، އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށް މަގުފަހިވުމަށް އެދިވަޑައިގަންނަވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. މީގެއިތުރުން ދަރިވަރުންގެ ހިތްތަކަށް އަލިކަން ދެއްވައި، ވިސްނުން ތޫނުކުރައްވައި އިމްތިހާނު ފަސޭހަކޮށްދެއްވުން އެދި އެކަމަނާ ވަނީ ދުޢާ ދަންނަވާފައެވެ.
މިއަހަރު ރާއްޖޭގެ 53 މަރުކަޒެއްގައި މަތީ ސާނަވީ އިމްތިހާނު ކުރިއަށްދާއިރު، އޭލެވެލް އިމްތިހާނުގައި 4،973 ދަރިވަރުން އަދި އެޗްއެސްސީ އިމްތިހާނުގައި 2،263 ދަރިވަރުން ބައިވެރިވެއެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުގެ 4 ސެންޓަރަކުން އިމްތިހާނު ހަދާ 3،284 ކުދިންނާއި، އަތޮޅުތަކުގެ 49 ސެންޓަރަކުން ބައިވެރިވާ 1،689 ދަރިވަރުން ހިމެނެއެވެ.