MTCC

20 އަހަރުގެ ޤައުމީ ތަރައްޤީގެ މާސްޓާޕްލޭން ޤާނޫނަކުން ހިމާޔަތްކުރަނީ

large_thumb_1787764300199

20 އަހަރުގެ ޤައުމީ ތަރައްޤީގެ މާސްޓާޕްލޭން ޤާނޫނަކުން ހިމާޔަތްކުރަނީ

SHARE

ރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތައް މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމުގެ މަޤްސަދުގައި، 2040 ވަނަ އަހަރާ ހަމައަށް އެކުލަވާލާ 20 އަހަރުގެ ޤައުމީ ތަރައްޤީގެ މާސްޓަރޕްލޭނަށް ޤާނޫނީ ބާރުވެރިކަން ދިނުމަށްޓަކައި ހާއްސަ ބިލެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ އެޕިސޯޑެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، މީގެކުރިން ރާއްޖޭގައި ވެރިކަން ބަދަލުވުމާއެކު ކުރީ ސަރުކާރުތަކުން ފަށާފައިވާ މަޝްރޫއުތައް ހުއްޓުމަކަށް އައިސް، މުޅި ޤައުމުގެ މިސްރާބު ބަދަލުވެގެންދާ މައްސަލައަށް އަލިއަޅުއްވާލެއްވިއެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ ކުރިއެރުންތަކަށް ހުރަސްއެޅި، ދައުލަތަށް ބޮޑެތި މާލީ އަދި އިޖުތިމާޢީ ގެއްލުންތަކާ ކުރިމަތިލާންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެންކަމުން، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައި، ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް އެކުލަވާލާ 20 އަހަރުގެ މާސްޓަރޕްލޭނަކީ ހަމައެކަނި ލިޔުމެއްގެ ގޮތުގައި އޮންނަ އެއްޗަކަށް ނުހަދައި، ސިޔާސީ އޮއިވަރުތަކުން އެ ޕްލޭން ރައްކާތެރިކުރުމަށްޓަކައި ޤާނޫނެއް ޑްރާފްޓްކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"މި މާސްޓާ ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް ގާނޫނެއް އެކުލަވާލުމުގެ މަސައްކަތްވެސް އެބަކުރަން. މިހާރު ޑްރާފްޓިންގެ މަސައްކަތްވެސް އެބަހިނގާ." ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، އދ. ގެ ޢާންމު މަޖިލީހުގައި މި ޕްލޭނުގެ ވާހަކަ ދެއްކެވީ، ކުޑަ ޤައުމެއް ނަމަވެސް އަމިއްލަ ފައިމައްޗަށް ތެދުވެ ކުރިއަރަން މަސައްކަތްކުރާ ބައެއްކަން ދުނިޔެއަށް ސާބިތުކޮށްދީ، ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއަށް އޮތް އިތުބާރާއި ފުރުޞަތުތައް ފުޅާކުރުމުގެ ބޭނުމުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޤައުމުގެ އިޤްތިސާދީ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސްގެ ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ތާށިކަން ހައްލުކުރުމަށްޓަކައި މެލޭޝިއާގެ ސެންޓްރަލް ބޭންކާއެކު 100 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ. އަދި ދުނިޔޭގެ މަސްރަޙަށް އައި ބަދަލުތަކާއި ދަރަނި ދެއްކުމުގެ ސަބަބުން ރިޒާވަށް އަސަރުތަކެއް ކުރިނަމަވެސް، ކުރިއަށް އޮތް ހަމަސްދުވަހުގެ ތެރޭގައި އިޤްތިޞާދީ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއަށް އަލިއަޅުއްވާލައްވަމުން ރައީސް ހާމަކުރެއްވި ގޮތުގައި، އެ މަޝްރޫއުގެ ބިން ހިއްކުމުގެ 60 އާއި 70 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި އެ ސަރަޙައްދުން ބޭރުގެ އިންވެސްޓަރުންނަށް ބިން ދޫކުރާނީ ހަމައެކަނި ކުއްޔަށް ކަމަށާއި، ބިމުގެ މިލްކުވެރިކަން ނުދެވޭނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، މި މަޝްރޫއަށް ސަރުކާރުން އެއްވެސް ސޮވަރިން ގެރެންޓީއެއް ނުވަތަ ޓެކްސް އިނާޔަތެއް ނުދޭނެ ކަމަށާއި، ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތިތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.