MTCC

ތިން މިނިސްޓްރީ ރޯވި ހާދިސާ: އިންޝުއަރެންސް އޮތީ އެންމެ އިމާރާތެއް

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު

ތިން މިނިސްޓްރީ ރޯވި ހާދިސާ: އިންޝުއަރެންސް އޮތީ އެންމެ އިމާރާތެއް

SHARE

މާލޭގައި ހިންގަމުންދިޔަ ސަރުކާރުގެ މުހިންމު ވުޒާރާތަކެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އަނދައިގެންދިޔަ ތިން މިނިސްޓްރީގެ ތެރެއިން އިންޝުއަރެންސް ރައްކާތެރިކަން ހޯދާފައިވަނީ އެންމެ މިނިސްޓްރީއަކުން ކަމަށާއި، އަލިފާން ރޯވާން ދިމާވީ ކަރަންޓު ޝޯޓެއްގެ ސަބަބުން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

މި ހާދިސާގެ ތަހުގީގާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ ގެއްލުންވި ސަރުކާރުގެ އިމާރާތްތަކުގެ ތެރެއިން އިންޝުއަރެންސް ކޮށްފައިވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ހިންގި އިމާރާތް އެކަނި ކަމަށެވެ.

މި ހާދިސާގައި މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ހިންގަމުން އައި އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އެއްކޮށް އަނދައި ހުލިވެފައެވެ. އަދި އެންވަޔަރަންމަންޓް މިނިސްޓްރީގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ބައެއް ޔުނިޓްތަކުން މަދު ސާމާނުތަކެއް ސަލާމަތް ކުރެވުނު ނަމަވެސް، އެ ތަންތަނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މީގެއިތުރުން، އަލިފާނުގެ ހޫނުގަދަވުމުގެ ސަބަބުން ކައިރީގައި ހުރި 3 ގެއަކަށާއި، 9 އެޕާޓްމަންޓެއްގެ އިތުރުން 2 ވިޔަފާރި ފިހާރައަކަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. ނަމަވެސް، ހާދިސާ ހިނގިތާ ދެ އަހަރު ފުރެން ކައިރިވެފައިވާއިރު ވެސް، ލިބުނު މުޅި ގެއްލުމުގެ ޖުމްލަ އަގު އަދި މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ތަހުގީގުގެ ތަފްސީލު ހާމަކުރައްވަމުން ފުލުހުން ބުނީ އަލިފާން ރޯވާން މެދުވެރިވީ ދެ ކަރަންޓު ނަރެއް ޝޯޓްވުމުގެ ސަބަބުން ކަމަށެވެ. އަދި ހައުސިން މިނިސްޓްރީ ހިންގި އިމާރާތުގެ ކަރަންޓު ވައިރުތައް އަޅައި، ބަލަހައްޓާފައިވަނީ ކަނޑައެޅިފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތަށް ނޫންކަން ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ.

މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމަށްޓަކައި އިންޑިއާގެ ފޮރެންސިކް ތަހުގީގު ޓީމެއް ރާއްޖެ ގެނެސް ސައިޓް ބަލައި ދިރާސާކޮށްފައިވާއިރު، ތަހުގީގު ޓީމުތަކުން ވަނީ 776 ގަޑިއިރުގެ ސީސީޓީވީ ފުޓޭޖާއި ފުލުހުންގެ ބޮޑީވޯން ކެމެރާ އަދި އާންމުން ހިއްސާކުރި ވީޑިއޯތައް އެނަލައިޒްކޮށް، 42 މީހެއްގެ ބަޔާން ނަގާފައެވެ.

މިފަދަ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން، ގޭބިސީތަކާއި އޮފީސްތަކުގައި ދިމާވާ ކަރަންޓުގެ އެކި މައްސަލަތައް ލަސްނުކޮށް ހައްލުކުރުމަށާއި، މިންގަނޑުތަކާ އެއްގޮތަށް ކަރަންޓުގެ ކަންކަން ބެލެހެއްޓުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.