ރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ސައުދީ ޢަރަބިއްޔާއިން ދެމުންގެންދާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ކުރިއަށް އޮތް ތަނުގައިވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން، އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލްޤަހްތާނީ ދެއްވައިފިއެވެ.
ސަފީރު މި ޔަޤީންކަން ދެއްވީ ސައުދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ބޭއްވި ޚާއްސަ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުންނެވެ. ރައީސްގެ ދެކަނބަލުން މި ހަފްލާގައި ބައިވެރިވެވަޑައިގަތުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްކަން ފާހަގަކުރައްވައި ސަފީރު ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.
ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ޔަޙްޔާ ވިދާޅުވީ، ރާއްޖެއާއި ސަޢުދީއާ ދެމެދު އޮތީ ނަމޫނާ އަޚްވަންތަ ގުޅުމެއް ކަމަށެވެ. އެގޮތުން، 1978 ވަނަ އަހަރުން ފެށިގެން ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) މެދުވެރިކޮށް ރާއްޖޭގެ ތަރައްޤީއަށް މުހިންމު އެހީތަކެއް ވެދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިހާތަނަށް އެ ފަންޑުގެ ދަށުން ރާއްޖޭގެ އެކި ދާއިރާތަކަށް 488 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފޯރުކޮށްދީފައިވާއިރު، އޭގެ ތެރޭގައި ބޯހިޔާވަހިކަމާއި، ޞިއްހީ ދާއިރާއާއި، މަސްވެރިކަމާއި، ދަތުރުފަތުރު އަދި ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިމެނެއެވެ.
މީގެއިތުރުން، "ސައުދީ ވިޝަން 2030″ ގެ ދަށުން އެ ޤައުމުން ހިންގަމުންދާ އިޤްތިސާދީ އަދި ތަރައްޤީގެ ބޮޑެތި ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ސަފީރު ވިދާޅުވީ، ބޭރު ޤައުމުތަކުގައި އިންވެސްޓްމަންޓްތައް ފުޅާކުރުމަކީ ސަޢޫދީގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި ޚާއްސަކޮށް ރާއްޖޭގެ ފަތުރުވެރިކަމާއި ޓެކްނޮލޮޖީ ފަދަ ދާއިރާތަކުން ސައުދީގެ އިންވެސްޓްމަންޓްތައް އިތުރުވެގެންދިއުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށްވެސް ސަފީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.