އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި، ދިވެހިރާއްޖޭގެ ނައިބު ރައީސް ހުސައިން މުޙައްމަދު ލަޠީފް، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތޯރިޤު ރަހުމާނާ ބައްދަލުކުރައްވައި ރަސްމީ ދޭދޭ މަޝްވަރާތައް ބާއްވަވައިފިއެވެ.
މި މަތީ ފަންތީގެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ، އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ރިޔާސަތާ ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާން ހަވާލުވެވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ދަންނަވާފަ އެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ބަންގްލަދޭޝްގެ ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރެއްވި އެވެ.
މީގެއިތުރުން، ދެކުނު އޭޝިއާގެ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަދި ގާތް ޚާރިޖީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދެ ޤައުމުގެ ލާބައާއި މަންފާއަށްޓަކައި އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ކުރިމަގުގައި ވެސް ދެ ޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުން ދަމަހައްޓައި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު ތޯރިޤު ރަޙްމާން ވަނީ ނައިބު ރައީސް އަރިސްކުރެއްވި ތަހުނިޔާއާއި ހެޔޮއެދުންތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އދ. ފަދަ ބައިނަލްއަޤްވާމީ އެކި މައިދާންތަކުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ބޮޑުވަޒީރުގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ޙިއްޞާވާ މަޞްލަޙަތުތައް ކުރިއެރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމަށްޓަކައި ރާއްޖެއާއެކު ގާތުން މަސައްކަތްކުރުމަށް ބަންގްލަދޭޝް އަބަދުވެސް ތައްޔާރަށް އޮތް ކަމުގެ ޔަޤީންކަން ދެއްވިއެވެ.