MTCC

ރަސްމާލެ މަޝްރޫއާ ގުޅުވައި ކުރިމަތިކުރި ފާޑުކިޔުންތަކަށް މިނިސްޓަރުގެ ރައްދު

381158_3_961bd153472d4473b4358243fb38ede2452d0ade_medium

ރަސްމާލެ މަޝްރޫއާ ގުޅުވައި ކުރިމަތިކުރި ފާޑުކިޔުންތަކަށް މިނިސްޓަރުގެ ރައްދު

SHARE

ރަސްމާލޭގައި ވޯޓާފްރަންޓަކާއި މެރީނާއެއް ތަރައްގީކޮށް ހިންގުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ގުޅިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކަށާއި ސުވާލުތަކަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ތަފްސީލީ ޖަވާބެއް ދެއްވައިފިއެވެ.

މިދިޔަ ހޯމަ ދުވަހު ދުބާއީގައި ސޮއިކުރެވުނު މި އެއްބަސްވުމާ ގުޅިގެން ލިންކްޑްއިންގައި ހިއްސާކުރެއްވި ބަޔާނެއްގައި މިނިސްޓަރު ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގޭ ބޭރުގެ އެންމެ ބިޔަ އިންވެސްޓްމަންޓް ކަމަށެވެ. އަދި ސަރުކާރުން މި މަޝްރޫއު އެކުލަވާލާފައިވަނީ އެއްބަސްވުމުގައި ސޮއިކުރާ ވަގުތު ލިބޭ އެއްފަހަރުގެ ފައިސާއަކަށް (ލަމްޕްސަމް ޗެކަކަށް) ބަރޯސާވުމުގެ ބަދަލުގައި، ދައުލަތަށް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބޭނެ މޮޑެލްއަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖެއަށް ބޮޑެތި މާލީ އަދި އިގްތިސާދީ ފައިދާތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން:

  • އެއްވެސް އިނާޔަތެއް ނުދީ، ކޮންމެ ހޮޓަލަކުން، ކެއުމަކުން އަދި ވިޔަފާރި މުއާމަލާތަކުން އާންމު ރިސޯޓުތަކެކޭ އެއްފަދައިން ޓީޖީއެސްޓީ ނެގޭނެއެވެ.
  • މާސްޓަ ޑިވެލޮޕަރު ހޯދާ އާމްދަނީގެ %10 ދައުލަތަށް ހިއްސާކުރަން ޖެހޭނެއެވެ.
  • މުދާ ގަނެވިއްކުމުގެ ކޮންމެ މުއާމަލާތަކުން %4 ގެ ފީއެއް ލިބޭނެއެވެ.
  • މަޝްރޫއުގެ ތެރެއިން ހިންގާ ހުރިހާ ވިއްކުމެއްގެ ފައިސާ ޖަމާކުރާނީ ރާއްޖޭގެ އެސްކްރޯ އެކައުންޓަކަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މުޅި މަޝްރޫއު ނިމި ފުރިހަމަވުމުން އަހަރަކު މަދުވެގެން އެއް މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ. އަދި މަޝްރޫއު ތަރައްގީކުރުމުގެ މަރުހަލާގައި ދައުލަތަށް 11 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބި، 54،000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު އިގްތިސާދުގެ ތެރޭގައި އުފެދޭނެ ކަމަށް ލަފާކުރެވެއެވެ. މީގެއިތުރުން ސަރުކާރުން އެއްވެސް ލޯނެއް ނުނަގާނެ ކަމަށާއި، ސޮވެރިން ގެރެންޓީއެއް އަދި އެއްވެސް ޓެކްސް ލުޔެއް ވެސް ނުދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ރަސްމާލޭގެ އިތުރުން ހުޅުމާލޭގައި ހައުސިން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވާފައިވާ ވާހަކަތަކަށް އިޝާރާތް ކުރައްވައި މުއްތަލިބު ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން އީގަލް ހިލްސް އިން ހުޅުމާލޭގައި 5,000 ހައުސިން ޔުނިޓު އަޅައިދޭނެ ކަމަށެވެ. 400 އާއި 500 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހޭދަވާ މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުކޮށް، ރަސްމާލެއިން އާމްދަނީ ލިބުމުގެ ކުރިން ފައިނޭންސް ކުރެވިގެން ހިނގާނެ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ރަސްމާލޭގެ 500 ހެކްޓަރު ހަމައެކަނި ދިވެހިންގެ ބޯހިޔާވަހިކަމަށް ޚާއްސަކުރެވިފައިވާ ކަމަށާއި، އެތަނުން 150،000 މީހުންގެ އާބާދީއަކަށް ޖާގަ ލިބޭނެ ކަމަށް ވެސް ހާމަކުރެއްވިއެވެ.

އޭގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު މި މަޝްރޫއާ މެދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން، ދުބާއީ އާއި ސިންގަޕޫރު ފަދަ ގައުމުތައް ތަރައްގީވީ ދުރުރާސްތާގެ އިގްތިސާދީ ހަރަކާތްތަކުގެ ސަބަބުން ކަން މިނިސްޓަރު ހަނދާންކޮށްދެއްވިއެވެ.

ރާއްޖޭގެ ސިޔާދަތާއި ބިމުގެ މިލްކުވެރިކަމާ މެދު އުފައްދާ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރަސްމާލޭގައި އެއްވެސް ފަރާތަކަށް ފްރީހޯލްޑް މިލްކުވެރިކަމެއް ނުދެވޭނެ ކަމަށެވެ. އެ ސަރަހައްދުގައި ވެސް ހިނގާނީ ރާއްޖޭގެ ފުރިހަމަ ގާނޫނުތައް ކަމަށާއި، ބޭރު މީހަކު މުދަލެއް ގަތުމަކުން ރެޒިޑެންސީ ނުވަތަ ރައްޔިތުކަން ނުލިބޭނެ ކަމަށް ސާފުކޮށްދެއްވިއެވެ. އަދި ވިސާ ބާތިލުކޮށްފި ނަމަ އެ މީހަކު ގައުމު ދޫކޮށް ދާންޖެހޭނެ ކަމަށާއި، މުދާ ދެމިއޮންނާނީ ދިވެހި ބިމުގައި ދިވެހި ގާނޫނުތަކުގެ ދަށުގައި ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ މަޝްރޫއު ހަވާލުކުރެވުނު އީގަލް ހިލްސް ކުންފުންޏަށާއި އޭގެ ޗެއާމަން މުހައްމަދު އަލައްބާރުގެ ތަޖުރިބާއާއި ގާބިލުކަމަށް އިތުބާރު އޮތް ކަމަށް ވިދާޅުވެ ތައުރީފު ކުރައްވާފައެވެ.