MTCC

ރަސްމާލޭން އެންމެ އިންޗިއެއްވެސް ނުވިއްކަން: ފިނޭންސް މިނިސްޓަރު

images

ރަސްމާލޭން އެންމެ އިންޗިއެއްވެސް ނުވިއްކަން: ފިނޭންސް މިނިސްޓަރު

SHARE

"އީގަލް ހިލްސް" އާއެކު ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބިޔަ މަޝްރޫއަކީ އެއްވެސް ބިމެއް ވިއްކާލައިގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، އެ މަޝްރޫއަށް ބިން ދޫކުރީ ކުއްޔަށް ކަމަށް ފިނޭޏްސް މިނިސްޓަރު ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއްވެސް ވިއްކާލާފައި ނުވާނެ ކަމަށެވެ. އަދި ރާއްޖޭގެ ތާރީހުގައިވެސް ބޭރުގެ ފަރާތަކުން ހިންގާ އެންމެ ބޮޑު މި އިންވެސްޓްމަންޓާ ގުޅުވައިގެން، އިދިކޮޅު ފަރާތްތަކުން ހަގީގަތް އޮޅުވާލުމަށްޓަކައި ރަސްމާލޭގެ ބޮޑު ބައެއް ވިއްކާލި ކަމަށް ބުނެ ދައްކަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް ހަސަން ޒަރީރު ފާހަގަކުރެއްވިއެވެ.

އިތުރަށް ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައިވެސް އިންވެސްޓްމަންޓްތަކަށް 99 އަހަރަށް ބިން ކުއްޔަށް ދޫކުރާ އުސޫލުން، އީގަލް ހިލްސްއާއެކު ވެވުނު އެއްބަސްވުމަކީވެސް ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ވައުދުފުޅަކީ ދިވެހިންގެ ބިމުން ކައިވަތެއްވެސް ބޭރުގެ ފަރާތްތަކަށް މިލްކުވާ ގޮތަށް ދޫނުކުރުން ކަމަށާއި، މި މަޝްރޫއު ކުރިއަށްދާނީ އެ ސިޔާސަތާ އެއްގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

"މިއީ ރާއްޖޭގެ އެއްވެސް ބިމެއް، އެންމެ ބިންކޮޅެއްވެސް ވިއްކާލައިގެން ހިންގާ ޕްރޮޖެކްޓެއް ނޫން. މުޅި މަޝްރޫއުގެ ހަޤީޤީ މިލްކުވެރިކަން އަބަދުވެސް އޮންނާނީ ދިވެހީންގެ އަތުގައި،" ޒަރީރު ވިދާޅުވިއެވެ.

އީގަލް ހިލްސް އިން ހިންގާ 20 ބިލިއަން އެމެރިކާ ޑޮލަރުގެ މި ބިޔަ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫޢަކީ ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ރޭވިފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއު ފުރިހަމަވެގެން ދާއިރު، ރާއްޖޭގެ އިޤްތިސާދަށް އިންޤިލާބީ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން 54،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށް ސަރުކާރުން އަންދާޒާކުރެއެވެ. އަދި މަސައްކަތް އެއްކޮށް ނިމުމުން، އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން އެ ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ދައުލަތަށް ލިބިގެންދާނެ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން، މި މަޝްރޫއުގެ މުޅި މުއްދަތުގެ ތެރޭގައި 30 ބިލިއަން ޑޮލަރަށްވުރެ ބޮޑު ބޭރުގެ ސީދާ އިންވެސްޓްމަންޓް ރާއްޖޭގެ އިޤްތިސާދަށް ވަދެގެންދާނެކަން ހަސަން ޒަރީރު ފާހަގަކުރެއްވިއެވެ.

މިއީ ރާއްޖޭގެ އިޤްތިސާދު އެއް ދާއިރާއަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އިޤްތިސާދު ސިންދަފާތު ކުރުމަށާއި ދުނިޔޭގެ ފެންވަރުގެ ވަރުގަދަ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް މުހިންމު އަދި ތާރީހީ ކުރިއެރުމެކެވެ.