ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ނައްތާލުމަށް ރަސްމީކޮށް ހުއްދަ ދީފައިވާ ސައިކަލުތަކެއް ކަމަށް ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސައިކަލުތަކެއް ޓްރަކަކުން ވައްޓާލާ މަންޒަރު ފެންނާތީ އެކަމާ ގުޅޭގޮތުން ފުލުހުންގެ ޚިދުމަތުން ތަފްސީލު ވަނީ ހާމަކޮށްފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ އުޅަނދުތަކަކީ ޓޯކުރުމަށްފަހު، އެ ތަކެތި ދޫކުރުމަށް ދީފައިވާ މުއްދަތު ހަމަވިއިރުވެސް ވެރިފަރާތްތަކުން ހަވާލުވެފައިނުވާ އުޅަނދުތަކެއް ކަމަށެވެ. އެހެންކަމުން، ގާނޫނީ އަދި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އެ އުޅަނދުތަކަކީ ނައްތާލުމަށް ރަސްމީ ހުއްދަ ލިބިފައިވާ ތަކެތި ކަމަށް ފުލުހުން ވަނީ ސާފުކޮށްދީފައެވެ.
މީގެއިތުރުން، ވީޑިއޯއިން ފެންނަނީ އެ އުޅަނދުތައް ނައްތާލުމަށްޓަކައި ކުނީގެ ގޮތުގައި ތިލަފުއްޓަށް ގެންދިއުމުގެ މަސައްކަތް ކަމަށް ފުލުހުން ފާހަގަކުރިއެވެ. އެގޮތުން، ހުޅުމާލެ ފޭސް ދޭއްގައި ފުލުހުންނަށް އަލަށް ހަމަޖެހިފައިވާ ޓޯޔާޑަށް އެ ތަކެތި ގެންގޮސް، ކުނީގެ ގޮތުގައި އެއްކުރުމުގެ މަރުހަލާ ކުރިއަށްދަނިކޮށް ނަގާފައިވާ މަންޒަރުތަކެއް ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން މިފަދައިން ހާމަކޮށްފައި މިވަނީ، ޓޯކޮށްފައިވާ އުޅަނދުތަކަކަށް އިހުމާލުވެ، ގެއްލުންދެމުންދާ ކަމަށް ދޭހަވާ ގޮތަށް އާންމުންގެ މެދުގައި ކަންބޮޑުވުން އުފެދުމާ ގުޅިގެންނެވެ.