ރާއްޖެއަށް ޤަވައިދާ ޚިލާފަށް ވޭޕް އެތެރެކޮށް، އޭގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރުމާއި މަނީ ލޯންޑަރިންގގެ އަމަލުތަކެއް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކަކާއި ފައިސާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވީ، އިއްޔެ ހިންގި މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު އިތުބާރު ހުރި މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
މި އޮޕަރޭޝަންގެ ތެރެއިން، މަގުމަތިން ދިވެހި ދެ ފިރިހެނުން ހުއްޓުވައި ސުވާލުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އަދި އެ ދެ މީހުން ދުއްވި ސައިކަލުގެ އިތުރުން، އެމީހުންނާ ގުޅުން އޮތް ކަމަށް ބެލެވޭ 'އަމާން އުދަރެސް' އެޕާޓްމަންޓެއް ވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައެވެ.
ފުލުހުން ހިންގި ބަލައި ފާސްކުރުމުގެ ތެރޭގައި:
- 156 ވޭޕް ކާޓްރިޖް
- ނެނޯ ސްޓިކްތަކެއް
- ޤާނޫނާ ޚިލާފު ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 6،000 އަށް ވުރެ ގިނަ ދިވެހި ރުފިޔާ ހިމެނެއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.
މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކުގެ މައްޗަށް ވޭޕް އެތެރެކުރުމާއި ވިޔަފާރިކުރުމުގެ އިތުރުން މަނީ ލޯންޑަރިންގގެ ތުހުމަތު ކުރެވޭއިރު، މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ތަހުޤީޤު ކުރަމުންނެވެ.