ރާއްޖޭގައި ތުއްތުކުދިންނަށް ފޯރުކޮށްދޭ ސިއްހީ ފަރުވާގެ ފެންވަރު މަތިކުރުމަށްޓަކައި، ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ބިނާކޮށް، މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ކުރާ ހޭދަ ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ގޮވާލައްވައިފިއެވެ.
އެކަމަނާ މިކަމަށް ގޮވާލެއްވީ މިއަދު މީރުމާ ހޯލުގައި ބޭއްވި "ނިއޯކެއާ 2026—ދަ މޯލްޑިވްސް ކޮންފަރެންސް އޮން ނިއޯނޭޓަލް ކެއާ އެކްސެލެންސް" ރަސްމީކޮށް އިފްތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަހަރުގެ މި ކޮންފަރެންސް ކުރިއަށްގެންދަނީ "އެޑްވާންސިންގ ނިއޯނޭޓަލް ކެއާ: ފްރޮމް ނޮލެޖް ޓު ޕްރެކްޓިސް ތްރޫ އިނޮވޭޝަން އެންޑް ކޮލެބޮރޭޝަން" މި ޝިއާރުގެ ދަށުންނެވެ.
މި ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވިދާޅުވީ، ސިއްހީ ދާއިރާއަށް ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ތައާރަފުކުރުން މުހިންމު ނަމަވެސް، އެ ތަކެތީގެ ހަގީގީ މަންފާ ލިބޭނީ އެ ވަސީލަތްތައް ބޭނުންކުރަން އެނގޭ ފަންނީ އަދި ގާބިލު މުވައްޒަފުން ތިބެގެން ކަމަށެވެ. އެގޮތުން، ޅަދަރިންގެ ފަރުވާއަށް ހާއްސަ މެޝިނަރީތައް ހުރި ނަމަވެސް، ފަރުވާގެ އަސްލު ބިންގަލަކީ އިންސާނީ ހުނަރާއި ކުޅަދާނަކަން ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
"މެޝިނަކުން ކުއްޖެއްގެ ވިންދު ދައްކައިދިން ކަމުގައި ވިޔަސް، އެ ވިންދުގެ މާނަ ދެނެގަނެ، ދަނޑިވަޅަށް އެކަށީގެންވާ އަވަސް ފިޔަވަޅެއް އެޅޭނީ ތަމްރީނު ލިބިފައިވާ ސިއްހީ ހިދުމަތްތެރިއަކަށް،" ފަސްޓް ލޭޑީ ވިދާޅުވިއެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ ފުރިހަމަ ފަރުވާއެއް ދެވޭނީ ހަމައެކަނި އިލްމީ ގާބިލުކަމުން ނޫން ކަމަށާއި، އޭގެ ތެރޭގައި ހިކުމަތްތެރި ނިންމުންތަކާއި އޯގާތެރިކަންވެސް ހިމެނެންޖެހޭނެ ކަމަށެވެ.
މީގެއިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރައްވާ ސިއްހީ މުވައްޒަފުންނަށް މެދުކެނޑުމެއްނެތި ފަންނީ ތަމްރީނާއި، މަތީ ތައުލީމުގެ ފުރުސަތުތަކާއި، ތަޖުރިބާކާރުންގެ އިރުޝާދުގެ އިތުރުން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ ދޮރުތައް ހުޅުވައިދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

މި ކޮންފަރެންސްގެ މުހިންމުކަމަށް ބައްލަވާލައްވަމުން، މިއީ ރާއްޖޭގެ 19 ސިއްހީ މަރުކަޒަކުން 50 ބައިވެރިން ހިމެނޭގޮތަށް މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި މިފަދަ ތަމްރީނުތައް މާލޭގެ އިތުރުން އަތޮޅުތަކުގެ ސިއްހީ ހިދުމަތްތެރިންނަށާއި، މި ދާއިރާއަށް އަލަށް ވަންނަ ޒުވާނުންނަށް ފުޅާދާއިރާއެއްގައި ފަހިކޮށްދިނުމަށް ބާރުއެޅުއްވިއެވެ. ހަމައެއާއެކު، ސިއްހީ ސިޔާސަތުތައް އެކަށައެޅުމުގައި ރާއްޖޭގެ މާހައުލާ ގުޅޭ ދިރާސާތަކާއި ތަފާސްހިސާބުތަކުގެ ބޭނުން ހިފުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
މެޑަމް ވިދާޅުވީ އުފަންވާ ރަށަކަށް ނުވަތަ އާއިލާގެ ތަނަވަސްކަމަށް ބެލުމެއްނެތި، ކޮންމެ ތުއްތު ކުއްޖަކަށްވެސް ހަމަހަމަކަމާއެކު ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ލިބުމަކީ ކަށަވަރުކޮށްދޭންޖެހޭ އަސާސީ ހައްގެއް ކަމަށް ވިދާޅުވަމުންނެވެ. އަދި އާއިލާތަކުގެ އެންމެ ހާސްކަން ބޮޑު ވަގުތުތަކުގައި ޑޮކްޓަރުންނާއި ނަރުހުން ފޯރުކޮށްދޭ އޯގާތެރި ހިދުމަތަށް ޝުކުރު އަދާކުރައްވަމުން، ސިއްހީ ހިދުމަތަކީ ހަމައެކަނި ބައްޔަށް ފަރުވާދިނުން ނޫން ކަމަށާއި، އެއީ އިންސާނިއްޔަތުކަމާއެކު ދެވޭ އަޅާލުމެއްކަން ހަނދާންކޮށްދެއްވިއެވެ.