MTCC

50 މިލިއަން ޑޮލަރު ދެއްކީ އެސްޑީއެފް ފަންޑުން: ފިނޭންސް މިނިސްޓްރީ

large_thumb_1787562139103

50 މިލިއަން ޑޮލަރު ދެއްކީ އެސްޑީއެފް ފަންޑުން: ފިނޭންސް މިނިސްޓްރީ

SHARE

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލް (ޓީ-ބިލް) ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން ޑޮލަރު ދައްކައި ޚަލާސްކޮށްފައިވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އިން ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިކަން ސާފުކޮށްދީފައި މިވަނީ، މި ފައިސާ ދެއްކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުރި ފައިސާއިން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުންދާ ދަނޑިވަޅެއްގައެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، 2019 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ދައުލަތުގެ ބަޖެޓަށް ފައިސާ ހޯދުމަށް ނެގި ޓީ-ބިލްގެ ފަހު ބައި ދައްކާފައިވަނީ، ދުރާލައި އެކަމަށް ތައްޔާރުވެ، އެސްޑީއެފަށް ޖަމާކުރަމުންދިޔަ ފައިސާ ބޭނުންކޮށްގެން ކަމަށެވެ. އަދި މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވާ މި ފައިސާ ކަނޑައެޅިފައިވާ މުއްދަތުގައި ދައްކައި ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވެސް ވަނީ އިއުލާނު ކުރައްވާފައެވެ.

މި ފެސިލިޓީގެ ދަށުން ދައްކަންޖެހޭ 150 މިލިއަން ޑޮލަރު މި ސަރުކާރުން ދައްކާފައިވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އެގޮތުން؛

ޖެނުއަރީ 2024 ގައި: 50 މިލިއަން ޑޮލަރު
މެއި 2024 ގައި: 50 މިލިއަން ޑޮލަރު
މިހާރު ދެއްކި ފަހު އިންސްޓޯލްމަންޓް: 50 މިލިއަން ޑޮލަރު ވަނީ ދައްކާ ޚަލާސްކޮށްފައެވެ.

މި ފަހު 50 މިލިއަން ޑޮލަރު ދެއްކުމާއެކު، 2019 ވަނަ އަހަރު އެސްބީއައި އިން ނެގި 150 މިލިއަން ޑޮލަރުގެ ޓީ-ބިލްގެ ދަރަނި ސަރުކާރުން މިހާރު ވަނީ އެއްކޮށް ދައްކައި ނިންމާފައެވެ.