ވެރިކަންކުރާ ޕާޓީ ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓު ކަމަށް ރިޔާސީ ޓިކެޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފި އެވެ.
މި ޓިކެޓު އަރުވާފައި ވަނީ އެ ޕާޓީގެ ކޮންގްރެސް ނިންމުމަށް މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ޕާޓީގެ ޗެއާޕަރސަން އަބްދުއްރަހީމް އަބްދުالله އެވެ.
ޕާޓީގެ ރިޔާސީ ޓިކެޓު ރައީސް މުއިއްޒަށް އެރުވުމަށް ނިންމާފައި ވަނީ އެ ޕާޓީން އިއްޔެ ބޭއްވި ކޮންގްރެސް ބައްދަލުވުމުގަ އެވެ. މި ޤަރާރު ފާސްކޮށްފައިވަނީ ބައިވެރިވެވަޑައިގެންނެވި 1،119 މަންދޫބުންގެ އިއްތިފާޤުންނެވެ.
މި ގަރާރު ހުށަހަޅުއްވައިދެއްވީ މަންދޫބުންގެ ފަރާތުން ޢަބްދުﷲ އިބްރާހީމެވެ. ޕާޓީގެ އަސާސީ ޤަވާއިދުގައިވާގޮތުން ވެރިކަމުގައި ހުންނަވާ ޕާޓީގެ ރައީސަކު ދެވަނަ ދައުރަކަށް ވާދަކުރައްވަން އެދިވަޑައިގެންފިނަމަ، އެއްވެސް ޕްރައިމަރީއަކާ ނުލައި އެމަނިކުފާނަށް ރިޔާސީ ޓިކެޓު ލިބިގެންދާނެއެވެ. އެހެންވެ ގަރާރުގައި ވަނީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ދެންނެވުމަށެވެ.
ގަރާރު ހުށަހަޅުއްވަމުން އަބްދުﷲ އިބްރާހިމް ވިދާޅުވީ 2023 ވަނަ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ވެރިކަމަށް ވަޑައިގެން ރައްޔިތުންނާމެދު ބެހެއްޓެވި އޯގާތެރި ކަމާއި، ކުރެއްވީ އަދުލުވެރި ވެރިކަމެއް ކަމަށާއި ކުރައްވަމުން ގެންދަވާ މުހިންމު ހާއްސާސް އަދި ގައުމީ ބޮޑެތި މަސައްކަތްޕުޅުތަކަކީ ރައްޔިތުން ފަޚުރުވެރިކަމާއެކު ބަލައިގަންނަ ހިދުމަތްތަކެއް ކަމަށެވެ.
މަންދޫބުންގެ ވާހަކައިގައި، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ޤައުމު އޮތް ނާޒުކު ހާލަތުން އަރައިގަނެ، އިޤްތިސާދު ކޮޅަށް ޖެހުމަށާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް އަސްކަރީ ވަސީލަތްތައް ޒަމާނީ ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނަށް އޯގާތެރި، ޢަދުލުވެރި ވެރިކަމެއް ކޮށްދެއްވަމުން ގެންދަވާތީ، ޤައުމުގެ ހަމަޖެހުމާއި ތަރައްޤީއަށްޓަކައި އެމަނިކުފާނަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމީ ވާޖިބެއްގެ ގޮތުގައި މަންދޫބުން ވަނީ ސިފަކުރައްވާފައެވެ.
މި ގަރާރު ފާސްކުރުމަށް ފަހު މިރޭ ބޭއްވި ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ އެމަނިކުފާނަށް ޓިކެޓު އަރުވާފަ އެވެ.