MTCC

ސައުދީގެ މެރިޓައިމް ޑިފެންސް ކޯލިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

"މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން" ގައި ދިވެހިރާއްޖެއިން ބައިވެރިވުން --ފޮރިން މިނިސްޓްރީ

ސައުދީގެ މެރިޓައިމް ޑިފެންސް ކޯލިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

SHARE

ކަނޑުމަގުން ކުރާ ވިޔަފާރީގެ ދަތުރުފަތުރުތަކުގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ސައުދީ އަރަބިއްޔާއިން އިސްނަގައިގެން އުފެއްދި "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން" ގައި ދިވެހިރާއްޖެއިން މިއަދު ރަސްމީކޮށް ބައިވެރިވެއްޖެ އެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރުން އޮތީ މިއަދު ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ކޯލިޝަންގެ ޗާޓަރުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.

މި ރަސްމިއްޔާތުގައި ދިފާޢީ ވަޒީރު މހަޙައްމަދު ޣައްސާން މައުމޫނާއި، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އަދި ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން ސަރުކާރާއި ސިފައިންގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ދިފާއީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލި މި އިއްތިހާދުގެ މައިގަނޑު މަގުސަދަކީ ކަނޑުދަތުރުފަތުރުގެ މަގުތައް ހިމާޔަތްކޮށް، ގައުމުތަކުގެ ސަލާމަތީ އަދި އިގުތިސާދީ މަސްލަހަތުތައް ދެމެހެއްޓުމެވެ. އެގޮތުން ވިޔަފާރިއާއި ހަކަތަ ފޯރުކޮށްދޭ މުހިންމު މަގުތައް ކަމަށްވާ ބާބިލް މަންދެބް ކަނޑުއޮޅި، ރަތްކަނޑު އަދި ގަލްފް އޮފް އެޑަން ހިމެނޭ ސަރަޙައްދު ރައްކާތެރިކޮށް، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުތަކަށް ފްރީޑަމް އޮފް ނެވިގޭޝަން ކަށަވަރުކޮށްދިނުމަށާއި، އިންޓަރނޭޝަނަލް ޓްރޭޑް ރޫޓުތަކުގެ ސެކިއުރިޓީ ޤާއިމުކޮށް، ހުރިހައި ޤައުމުތަކުގެ މަސްލަހަތު ހިމާޔަތްކުރުމަކީ މި ކޯލިޝަނުގެ މައިގަނޑު މަގްސަދެވެ.

މި ކޯލިޝަނުގައި ބައިވެރިވުމުގެ ސަބަބުން، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. މީގެ އިތުރުން ރާއްޖެއަށް މުދާ އެތެރެކުރާ މުހިންމު ކަނޑުގެ ސަރަހައްދުތަކުގެ އަމާންކަން ކަށަވަރުކުރުމުގައްޔާއި، ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ވެސް ދިފާއީ ވުޒާރާއިން ފާހަގަކުރައްވައެވެ.