MTCC

މި އަހަރުގެ ނިޔަލަށް އެއް ލައްކަ މެންބަރުން ހަމަކުރުމަކީ އަމާޒެއް: ފަލާހު

DSC_1989-1024x683

މި އަހަރުގެ ނިޔަލަށް އެއް ލައްކަ މެންބަރުން ހަމަކުރުމަކީ އަމާޒެއް: ފަލާހު

SHARE

ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ އަދަދު މި އަހަރު ނިމުމުގެ ކުރިން އެއް ލައްކައަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާ ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މަތީ މަޖިލިސް ހުޅުވުމަށްޓަކައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގެ ހުވާ ކުރެއްވިއިރު ޕާޓީގެ ދަފްތަރުގައި ތިބީ އެންމެ 3،000 އެއްހައި މެންބަރުން ކަމަށެވެ. ނަމަވެސް، މި ވެރިކަމަށް ތިން އަހަރު ފުރެން ކައިރިވެފައިވާއިރު، ޕާޓީގެ މެންބަރުންގެ އަދަދު މިހާރު 79،364 އަށް އަރާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް ޔަގީން އިރާދަފުޅުކުރެއްވިއްޔާމުން މި ކޮންގްރެސް ކުރިއަށް އޮތް ތިން ދުވަސް ނިމިގެންދާއިރު، މި ޕާޓީގެ މެންބަރުންގެ އަދަދު 80،000 އަށްވުރެ ގިނަ މެންބަރުންނަށް މަތިވެގެން ދާނެ،". ފަލާހް ވިދާޅުުވިއެވެ.

ފަލާހު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި މަތީ މަޖިލީހުގެ މަސައްކަތްތައް ނިމިގެންދާއިރު، ޕާޓީގެ މެންބަރުންގެ އަދަދު 80،000 ފަހަނައަޅައި ދާނެއެވެ. އަދި ޕާޓީގެ އެންމެ ބޮޑު އަމާޒަކީ މި ހިނގާ އަހަރު ނިމެންވާއިރަށް ޕީއެންސީއަކީ އެއް ލައްކަ މެންބަރުން ހިމެނޭ ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ ބާރަށް ހެދުން ކަމުގައި އޭނާ ބަޔާންކުރެއްވިއެވެ.

އެ ޕާޓީގެ އަސާސީ ގަވާއިދަކީ ރާއްޖޭގައި މިހާތަނަށް ސިޔާސީ ޕާޓީއަކަށް، އެންމެ ގިނަ ރައްޔިތުންގެ ވޯޓު ލައިގެން ފާސްކުރެވުނު އަސާސީ ގަވާއިދުކަންވެސް ފަލާހް ފާހަގަކުރެއްވިއެވެ. މިގޮތުން އެ އަސާސީ ގަވާއިދުގައި އަލަށް ހަރަކާތްތަކެއް އުފެއްދިކަން ފާހަގަކުރައްވަމުން ފަލާހް ވިދާޅުވީ، ދީނީ އިލްމުވެރިންގެ މަޖިލީހަކާއި، އަންހެނުންގެ ހަރަކާތަކާއި، ޒުވާނުންގެ ހަރަކާތެއް،، އިސްރަށްވެހިންނަށް ހާއްސަ ކުރެވިގެން އިތުރު ގުނަވަނެެއް އުފެދިގެން ދިޔަ ކަމަށެވެ.

ސިޔާސީ ޕާޓީތަކަށް އާންމުން ޝައުގުވެރިވާ ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން ފަލާހު ވިދާޅުވީ، ރައްޔިތުން ޕާޓީތަކާ ގުޅެނީ އެ ޕާޓީއެއްގެ ލީޑަޝިޕުން ގައުމުގެ މުސްތަގުބަލަށް ކަނޑައަޅާ ތަސައްވުރާއި ވިސްނުމަށް އިތުބާރު ކުރާތީ ކަމަށެވެ.

"އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ ސިޔާސީ ޕާޓީއަކަށް ރައްޔިތުން ޝައުގުވެރިވެ އެ ޕާޓީއެއްގެ ދަފްތަރުގައި ހިމެނި، އެ ޕާޓީއެއްގެ މެންބަރަކަށް މިވަނީ ކޮންކޮން ސަބަބުތަކެއް އޮވެގެންތޯ." ފަލާހު ވިދާޅުވިއެވެ.

މީގެއިތުރުން ފަލާހު ވިދާޅުވީ، އިންތިހާބުތަކުގައި ވެވަޑައިގަންނަވާ ވައުދުތަކާއި ހުށަހަޅާ މެނިފެސްޓޯތައް ތަންފީޒުކުރުމަށް ސަރުކާރުން އަދި ޕާޓީން ކުރަމުންދާ އިހުލާސްތެރި މަސައްކަތްތައް މިއަދު ދިވެހި ރައްޔިތުން ވަރަށް ގާތުން ބަލައި، ވަޒަންކުރަމުންދާ ކަމަށެވެ. ގައުމުގެ ކުރިއެރުމަށާއި ހެވާއި ލާބައަށް ކުރެވޭ ކަންކަމަށް ރައްޔިތުންގެ އިތުބާރު އޮތްކަން މެންބަރުން އިތުރުވަމުންދާ ދިއުމުން ހާމަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.