MTCC

ނިމާލާއި އަސްމާ ނޫން އެހެން ކެންޑިޑޭޓުން ނައިބުރައީސް ކަމަށް ހޮވިއްޖެ

2026-09-16 13.29.08

ނިމާލާއި އަސްމާ ނޫން އެހެން ކެންޑިޑޭޓުން ނައިބުރައީސް ކަމަށް ހޮވިއްޖެ

SHARE

ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްކަމުގެ މަޤާމަށް 6 ބޭފުޅަކު މިއަދު އިންތިޚާބުކޮށްފިއެވެ.

މި ބޭފުޅުން އެ މަޤާމުތަކަށް ހޮވިވަޑައިގެންނެވީ މާލޭގެ ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ އެ ޕާޓީގެ މަތީ މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓުންނެވެ. ޕީއެންސީގެ ނައިބު ރައީސްކަމުގެ ހުސްވެފައިވާ ގޮނޑިތަކަށް ޖުމްލަ އަށް ބޭފުޅަކު ވާދަކުރެއްވިއެވެ.

މި އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ޕާޓީގެ ނައިބު ރައީސްކަމަށް ހޮވިވަޑައިގެންނެވި ބޭފުޅުންނަކީ:

  1. އަބްދުﷲ ރާފިއު (ސްޕޯޓްސް މިނިސްޓަރު) – 968 ވޯޓު
  2. އަހުމަދު ޝިޔާމް (ފިޝަރީޒް މިނިސްޓަރު) – 964 ވޯޓު
  3. ފާތިމަތު ސައުދާ (ނިލަންދޫ ދާއިރާގެ މެންބަރު) – 923 ވޯޓު
  4. އިބްރާހިމް ޝުޖާއު (ބާރަށު ދާއިރާގެ މެންބަރު) – 862 ވޯޓު
  5. މުހައްމަދު ސައީދު (އިކޮނޮމިކް މިނިސްޓަރު) – 833 ވޯޓު
  6. މުހައްމަދު ހުސައިން ޝަރީފް (މުންދު) (ރައީސް އޮފީހުގެ ތަރުޖަމާނު) – 780 ވޯޓު

މި އިންތިޚާބުގައި ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ކުރި ހޯއްދެވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. އަދި ދެވަނައަށް އެންމެ ގިނަ ވޯޓު ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ހޯއްދެވިއިރު، ތިންވަނައަށް އެންމެ ގިނަ ތާއީދު ލިބިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާއަށެވެ.

މި މަޤާމަށް ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ދެ ބޭފުޅުންނަކީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ ނިމާލް އާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދެވެ. ނިމާލަށް 301 ވޯޓު ލިބިވަޑައިގެންނެވި އިރު، އަސްމާއަށް ލިބިވަޑައިގަތީ 228 ވޯޓެވެ.

މިއަދު ބޭއްވި މި ބައްދަލުވުމަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އިސް މަޤާމުތަކަށް ބޭފުޅުން އައްޔަންކުރުމަށް ބޭއްވުނު މުހިންމު ޖަލްސާއެކެވެ.