MTCC

ކޮންގްރެސް ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި

Screenshot 2026-09-15 104759

ކޮންގްރެސް ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި

SHARE

ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އަސާސީ ގަވާއިދަށް ހުށަހެޅުނު މުހިންމު އިސްލާހުތައް، އެ ޕާޓީގެ އެންމެ މަތީ މަޖިލީހުގެ އިއްތިފާގުން ފާސްކޮށްފިއެވެ.

މިހާރު ކުރިއަށްދާ ޕީއެންސީގެ މަތީ މަޖިލީހުގެ ފުރަތަމަ ސެޝަނުގައި މި އިސްލާހުތައް ފާސްކުރުމަށްފަހު، އަލަށް އެކުލަވާލި އަސާސީ ގަވާއިދު މިހާރު ވަނީ އާންމުކޮށްފައެވެ. ޖުމްލަ 1،064 މަންދޫބުން ބައިވެރިވި މި ބައްދަލުވުމުގައި، ގަވާއިދަށް ގެނެވުނު ބަދަލުތަކުގެ ތަފްސީލު ހުށަހަޅުއްވައިދެއްވީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުހީ އާދަމެވެ.

ފަތުހީ ވިދާޅުވީ އަސާސީ ގަވާއިދު އިސްލާހުކުރުމުގެ މައިގަނޑު ބޭނުމަކީ، ޕާޓީގެ މެންބަރުންގެ އަދަދު އިތުރުވަމުން އަންނާތީ، އެއާ އެއްވަރަށް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް ތަފާތު އެކި ދާއިރާތަކުން ޕާޓީގެ މަސައްކަތްތައް ފުޅާކުރުން ކަމަށެވެ. އަދި މި ބަދަލުތަކުގެ ސަބަބުން ގައުމަށް ފައިދާހުރި ގޮތެއްގައި ސިޔާސީ ހަރަކާތްތައް ހިންގުމަށް ފަހިވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި އިސްލާހުތަކުގެ ދަށުން ޕާޓީގެ އެތެރޭގެ ހިންގުމުގައި މެންބަރުންގެ ބައިވެރިވުން އިތުރުކުރުމަށް މުޅިން އާ ގުނަވަންތަކަކާއި ހަރަކާތްތަކެއް ވަނީ އުފައްދާފައެވެ. އޭގެ ތެރޭގައި:

  • ދީނީ ޢިލްމުވެރިންގެ މަޖިލިސް
  • އަންހެނުންގެ ހަރަކާތް
  • ޒުވާނުންގެ ހަރަކާތް
  • އިސްރަށްވެހިންގެ ހަރަކާތް

މީގެއިތުރުން، އިގްތިސާދީ، ގައުމީ ސަލާމަތް، ސިއްހީ، އިޖުތިމާއީ އަދި ސައިންސާއި ޓެކްނޮލޮޖީ ފަދަ އެކި ދާއިރާތަކަށް ޚާއްސަކޮށްގެން ޖުމްލަ 15 ކޮމިޓީއެއް އެކުލަވައިލުމަށް ވެސް ވަނީ ނިންމާފައެވެ. އަދި ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން ސްޓިއަރިން ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް ވެސް މިހާރު ވަނީ ގަވާއިދުގައި ވަރަށް ސާފުކޮށް ކަނޑައަޅާފައެވެ.

އަލަށް ފާސްކުރި ގަވާއިދުގައި ޕާޓީގެ އަސާސީ ސިޔާސަތުތަކާއި، އިދާރީ އޮނިގަނޑު އަދި އެތެރޭގެ އިންތިޚާބުތައް ބާއްވާނެ އުސޫލުތައް ފުރިހަމައަށް ބަޔާންކޮށްފައިވެއެވެ.

ޕީއެންސީ އުފެއްދުމަށް ޖެނުއަރީ 2019 ގައި ފުރަތަމަ ފާސްކުރި އަސާސީ ގަވާއިދަށް މީގެ ކުރިންވެސް އެކި ފަހަރުމަތިން ބަދަލުތައް ގެނެސްފައިވާއިރު، އެންމެ ފަހުން މިދިޔަ އޯގަސްޓް މަހު މެންބަރުންގެ މަޖިލީހުން ނިންމި އިސްލާހުތަކާއެކު މި ގަވާއިދު މިއަދު މިވަނީ ރަސްމީކޮށް ފާސްކޮށް، ތަންފީޒުކުރަން ފަށާފައެވެ.