MTCC

ރާއްޖޭގައި ތެލާއި މައުދަން ހުރިތޯ ބެލުމަށް ޕެޓްރޯނާސްއާ މަޝްވަރާކުރާނަން: އަންވަރު

2026-09-15 23.08.30

ރާއްޖޭގައި ތެލާއި މައުދަން ހުރިތޯ ބެލުމަށް ޕެޓްރޯނާސްއާ މަޝްވަރާކުރާނަން: އަންވަރު

SHARE

ރާއްޖޭގެ ސަރަޙައްދީ އިމުގެ ތެރޭގައި ތެލާއި އަގުހުރި މައުދަންތައް ހުރިތޯ ބެލުމަށް ދިރާސާތަކެއް ކުރުމާ ގުޅޭގޮތުން، ދުނިޔޭގެ މަޝްހޫރު ތެޔޮ ކުންފުނި މެލޭޝިއާގެ "ޕެޓްރޯނާސް"އާ އެކު ވާހަކަދައްކަވާނެ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު އަންވަރު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހުރި ގުދުރަތީ ވަސީލަތްތައް ދެނެގަތުމުގެ ދިރާސާތަކެއް ކުރުމަށް ދިވެހި ސަރުކާރުން އެދިފައިވާ ކަމަށެވެ. އަދި މި ހުށަހެޅުމާ މެދު، ދުނިޔޭގެ ފެންވަރުގައި ތެލާއި ގޭހުގެ މަސައްކަތްތައް ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ޕެޓްރޯނާސް ކުންފުންޏާ މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ޕެޓްރޯނާސްގެ ތަޖުރިބާއަށް އަލިއަޅުއްވާލައްވަމުން ބޮޑުވަޒީރު ފާހަގަކުރެއްވި ގޮތުގައި، ކެނެޑާއިން ފެށިގެން ސޫދާން، ތުރުކުމެނިސްތާން، ޕެރޫ އަދި ބްރެޒިލް ފަދަ ގިނަ ގައުމުތަކެއްގައި މިހާރުވެސް އެ ކުންފުނިން ދަނީ ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ސަމާސާ ރޫހެއްގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ދިރާސާތަކުން ރާއްޖެއިން ތެޔޮ ނުފެނުނު ކަމުގައި ވިޔަސް، އެ ކުންފުނީގެ މުވައްޒަފުންނަށް ރާއްޖޭގެ ގުދުރަތީ ރީތިކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

"ރާއްޖޭގެ ސަރަޙައްދުގައި ތެޔޮ ނުވަތަ މިނަރަލް ހުރިތޯ ބެލުމުގެ ފުރުޞަތުތައް ދިރާސާކުރުމަށް ޕެޓްރޯނާސްއަށް ހުށަހެޅުމަށް ދިވެހި ސަރުކާރުން ހުށަހެޅި ހުށަހެޅުމާ މެދު އަޅުގަނޑުމެން ޕެޓްރޯނާސްއާ މަޝްވަރާކުރަންޖެހޭ." އަންވަރު ވިދާޅުވިއެވެ.

މީގެއިތުރުން، ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން އަންވަރު ވިދާޅުވީ، ވިޔަފާރިއާއި އިޤްތިސާދީ ދާއިރާއިން ރާއްޖެއަށް ބޭނުންވާ މިފަދަ ތަރައްޤީގެ މުހިންމު މަޝްރޫއުތަކުގައި މެލޭޝިއާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ލިބޭނެ ކަމަށެވެ.