MTCC

އެއް އާއިލާއެއް ގޮތުގައި ތިބެ، މިސާލު ދައްކަން ރައީސް އެދިވަޑައިގެންފި

dsc-1546-1-876x584

އެއް އާއިލާއެއް ގޮތުގައި ތިބެ، މިސާލު ދައްކަން ރައީސް އެދިވަޑައިގެންފި

SHARE

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުން އެއް ރޫހެއްގައި، އެއް އާއިލާއެއްގެ ގޮތުގައި ތިބެ ގައުމު އިސްކޮށް، ސިޔާސީ މައިދާނުގައި ލާމަސީލު މިސާލެއް ދެއްކުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

ސޯޝަލް ސެންޓރުގައި ބޭއްވި ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމުގެ ޖަލްސާގައި އެ ޕާޓީގެ 1،000 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޖަލްސާގެ ބައިވެރިންނާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރާއި ޕާޓީގެ މައިގަނޑު ސިޔާސަތަކީ ގައުމަށް ހަމަޖެހުމާއި ތަރައްގީ އަދި ރައްކާތެރިކަން ހޯދައިދިނުން ކަމަށެވެ. އަދި އަމިއްލަ މަސްލަހަތަށް ވުރެ ބޮޑަށް، އަބަދުވެސް އިސްކުރަންވާނީ ގައުމާއި ގައުމިއްޔަތު އަދި އިސްލާމްދީނާއި ދިވެހިންގެ އަމިއްލަވަންތަކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ފެންނަމުންދާ ޒިންމާދާރުކަން ކުޑަ އަމަލުތަކަށް ޕީއެންސީގެ ތެރެއިން އެއްވެސް ޖާގައެއް ދީގެން ނުވާނެ ކަމަށާއި، ސިޔާސީ މައިދާން ރަނގަޅު މިސްރާބަކަށް ގެންދިއުމުގައި ޕީއެންސީން އިސްނަގައި ނަމޫނާ ދައްކަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ޔަގީންކުރަން ހުރިހާ މަންދޫބުންނާއެކީ، އެއް ރޫހެއްގެ ގޮތުގައި އެއް އާއިލާއެއް ގޮތުގައި އެއް ޓީމެއްގެ ގޮތުގައި ވަރުގަދަ ރޫހެއްގައި އަޅުގަނޑުމެން ގައުމީ މަސްލަހަތު އިސްކޮށް، ޕާޓީގެ މަސްލަހަތު ކުރިޔަށް ނެރެ، އެންމެ ފުރަތަމަ ގައުމު އެއީ އަޅުގަނޑުމެންގެ ޝިއާރުކަން އަބަދުވެސް ހަނދާނުގައި ބަހައްޓަން. " ރައީސް ވިދާޅުވިއެވެ.

ޕާޓީގެ ކުރިއެރުމަށް އަލިއަޅުއްވާލައްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ވެރިކަމާ ހަވާލުވި އިރު އެންމެ 3،000 މެންބަރުން ތިބި އެ ޕާޓީގައި، މިއަދު މެންބަރުންގެ އަދަދު ގާތްގަނޑަކަށް 80،000 އަށް އަރާފައިވާ ކަމަށެވެ. މިއީ މުޅި ޕާޓީގެ މެންބަރުން ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަން ފާހަގަކުރައްވައި، ރައީސް ވަނީ މެންބަރުންގެ މެދުގައި އޮތް އެކުވެރިކަމާއި ބަދަހި ގުޅުން މިގޮތުގައި ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސްކޫލް ބަންދު ދުވަސްވަރަކަށް ވެފައި އަދި މޫސުން ގޯސް ނަމަވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުން މި ބައްދަލުވުމަށް ގިނަ އަދަދެއްގެ މަންދޫބުން ހާޒިރުވުމަކީ ޕާޓީ ކުރިއެރުވުމަށް އޮތް ވަރުގަދަ އަޒުމު ހާމަކޮށްދޭ ކަމެކެވެ. އެހެންކަމުން އެ ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ސަރުކާރުގެ ރިޔާސީ މެނިފެސްޓޯ އާއި ހާރިޖީ ސިޔާސަތު ވެސް ބިނާވެފައިވަނީ "ދިވެހި ގައުމު އިސްކުރުމުގެ" މަތިވެރި އަސާސުގެ މައްޗަށް ކަމަށެވެ. އަދި ޕީއެންސީގެ މަތީ މަޖިލީހުގެ މަސައްކަތްތަކުން، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.