ރާއްޖެއާއި މެލޭޝިޔާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް، ދިފާއީ އަދި އިސްލާމީ ކަންކަމާ ގުޅޭ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ މުހިންމު ފަހުމުނާމާތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ފަހުމުނާމާތައް ބަދަލުކުރެއްވީ ދެ ގައުމުގެ އެންމެ މަތީ ވެރިންގެ ހާޒިރުގައެވެ.
މިގޮތުން ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު މުހިންމު އެއްބަސްވުންތަކުގެ ތެރޭގައި:
ދިފާއީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުން: މި ފަހުމުނާމާގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު ޣައްސާން މަޢުމޫނެވެ. އަދި މެލޭޝިޔާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންވެސްޓްމެންޓް ޖަހާރީ ބިން އަބްދުލްޣަނީއެވެ.
އިސްލާމީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން: މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މެލޭޝިޔާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންވެސްޓްމެންޓް ޖަހާރީ ބިން އަބްދުލްޣަނީއެވެ.
މި ރަސްމިއްޔާތަށްފަހު ދެ ގައުމުގެ ވެރިން ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.
މެލޭޝިޔާގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވާ މި ފުރަތަމަ ރަސްމީ ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މެލޭޝިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.