MTCC

ރައީސް މުއިއްޒުގެ ދައުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި

IMG_8349

ރައީސް މުއިއްޒުގެ ދައުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި

SHARE

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް، ފުރަމާނަ ދަތުރުފުޅެއްގައި މިރޭ އިރާކޮޅު ރާއްޖެ ވަޑައިގެންފިއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވެލާނާ އިންޓަނޭސަނަލް އެއާޕޯޓަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މެލޭޝިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި، ރަސްމީ އިއްޒަތުގައި މަރުހަބާ ދެންނެވުމުގެ ހާއްސަ ރަސްމިއްޔާތު އޮންނާނީ މާދަމާއެވެ.

މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ މި ދައުވަތު އަރުވާފައިވަނީ، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސް މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި، މެލޭޝިއާގެ ބޮޑުވަޒީރު ރައީސްއާއި ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. މި ވާހަކަފުޅުތަކުގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުމާއި، ބައިނަލްއަގުވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އައު ދޮރުތައް ހުޅުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ބައެއް މުހިންމު ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރައްވައި، ލިޔެކިޔުންތައް ބަދަލުކުރެއްވުމުގެ ރަސްމިއްޔާތު ދެ ގައުމުގެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނެއެވެ. މީގެ އިތުރުން، ދެބޭފުޅުން ގުޅިގެން ނޫސްވެރިންނަށް ބަޔާނެއް ދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އިތުރުން، ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް، މެލޭޝިއާގެ ބޮޑުވަޒީރުގެ އަރިހަށް ވަކިވަކިން އިހުތިރާމުގެ ޒިޔާރަތްތަކެއް ކުރައްވާނެއެވެ.

ދިވެހިރާއްޖެއާއި މެލޭޝިއާއާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 58 އަހަރު ފުރިފައިވާއިރު، ދެ ގައުމުގެ ދެމެދުގައި އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ވަނީ ވަރަށް ބަދަހި އަދި ގާތް ރަހުމަތްތެރި ގުޅުމެއް ގާއިމުވެފައެވެ. މީގެ އިތުރުން މަތީ ފަންތީގެ ބައްދަލުވުންތަކާއި ތަރައްގީގެ އެކި ދާއިރާތަކުން ދެ ގައުމުގެ މެދުގައި އޮތް އެއްބާރުލުން ފާހަގަކޮށްލެވެއެވެ.