MTCC

ރައީސް އޮފީހުގެ ދެ މަޤާމަކަށް މިނިސްޓަރުންގެ ފެންވަރުގައި ދެ ބޭފުޅަކު ޢައްޔަންކުރައްވައިފި

IMG_8348

ރައީސް އޮފީހުގެ ދެ މަޤާމަކަށް މިނިސްޓަރުންގެ ފެންވަރުގައި ދެ ބޭފުޅަކު ޢައްޔަންކުރައްވައިފި

SHARE

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެ މަޤާމަކަށް މިނިސްޓަރުންގެ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދެ ބޭފުޅަކު މިއަދު ޢައްޔަންކުރައްވައިފިއެވެ.

މި ބަދަލާއެކު ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓާޝަރީ ހެލްތު ސާވިސަސްގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ ގ. ފިނިވިލު، މުޙައްމަދު ޠަލާލެވެ. އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ ގދ. ތިނަދޫ ޝިފާ، އަޙްމަދު ޙަބީބެވެ.

ޓާޝަރީ ހެލްތު ސާވިސަސްގެ މަޤާމަށް ޢައްޔަންކުރެއްވި މުޙައްމަދު ޠަލާލް އެންމެ ފަހުން ހުންނެވީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމުގައެވެ. ޠަލާލަކީ ސަރުކާރާއި ދައުލަތުގެ މުހިންމު އިސް މަޤާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުގެ ސީނިއަރ ކަރިކިއުލަމް ޑިވެލޮޕަރުގެ މަޤާމާއި، އިލެކްޝަންސް ކޮމިޝަންގެ އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލް ކަމާއި ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމު އަދާކުރައްވާފައިވެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ޓެކްނިކަލް އެޑްވައިޒަރ ޓު ދަ މިނިސްޓަރުކަމާއި، މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް އެމަނިކުފާނު ވަނީ އަދާކުރައްވާފައެވެ. އަދި ޠަލާލަކީ ރާއްޖޭގެ ކުޅިވަރުގެ ކުރިއެރުމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވަމުންގެންދަވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

ޕޮލިސީ އެންޑް މެނިފެސްޓޯގެ މަޤާމަށް ޢައްޔަންކުރެއްވި އަޙްމަދު ޙަބީބަކީ ވެސް ދައުލަތަށާއި ޕްރައިވެޓް ސެކްޓަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން މި މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން ޙަބީބް ހުންނެވީ ވިލާ އެއަރގެ ޖެނެރަލް މެނޭޖަރެއްގެ މަޤާމުގައެވެ. އަދި މީގެ ކުރިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރުގެ މަޤާމާއި، ވިލާ ހަކަތައިގެ މެނޭޖަރުގެ މަޤާމުގެ އިތުރުން ވިލާ އެއަރގެ ކާޑެއްދޫ އެއަރޕޯޓްގެ ޑެޕިއުޓީ މެނޭޖަރުކަން ވެސް އެބޭފުޅާ ވަނީ ފުރުއްވާފައެވެ. އަޙްމަދު ޙަބީބަކީ އޮސްޓްރޭލިއާގެ ކަރޓިން ޔުނިވަރސިޓީން މާސްޓަރ އޮފް ސައިންސް އިން ޕްރޮޖެކްޓް މެނޭޖްމަންޓް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

މި ދެ ބޭފުޅުން މަޤާމަށް ޢައްޔަންކުރައްވާފައިވަނީ ސަރުކާރުގެ ސިޔާސަތުތަކާއި ވަޢުދުތައް ތަންފީޛުކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގެ ބޭނުމުގައެވެ.